ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އެމައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް 24 އަހަރުގެ މީހާއަށް ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ހައްޔަރުކުރި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހެނދުނު 09:15 ހާއިރު ކަމަށެވެ. އަދި 39 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ 10:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުގްޔާ ކުރާ މީހާގެ އިތުރުން އޭނާ ފަހުން ކައިވެނިކުރި ފިރިމީހާ ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ތިން މަސް ދުވަސް ވަންދެން އެމީހުން ބަންދުކޮށްގެން ތަފާތު އަނިޔާތައް ދީފއިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މައްސަލައިގެ ހައްޔަރު ކުރި 24 އަހަރުގެ މީހާއަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވުމާއެކު، ރައްޔިތުން އެފަދަ މައްސަލަތަކަށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ އަށް ރިޕޯޓުކޮށްދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު އެ މައްސަލާގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރު ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.