ދިވެހި ސިފައިންގެ ކޯސްޓްގާޑް ފްލީޓްގައި ބޭނުން ކުރަމުން އަންނަ އަސްކަރީ މަނަވަރު "ސީޖީއެސް ހުރަވީ"، އަވަށްޓެރި އިންޑިއާގެ އެހީތެރިކަމާއެކު މަރާމާތުކޮށް، ދިވެހިރާއްޖެއާއި އަލުން އަނބުރާ ހަވާލު ކޮށްފިއެވެ.

"ސީޖީއެސް ހުރަވީ"ގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ، އިންޑިއާގެ އެންމެ މުހިންމު އެއް ބޯޓުޔާޑު ކަމަށް ވާ، ވިސާކާޕަޓްނަމްގެ ނޭވަލް ޑޮކްޔާޑުގައައެވެ.

އިންޑިއާގެ ނޭވަލް ޑޮކްޔާޑުގައި "ސީޖީއެސް ހުރަވީ" މަރާމާތު ކުރުމަށްފަހު، މި މަނަވަރު ރާއްޖެއާ ހަވާލު ކޮށްދެއްވީ އިންޑިއާ އަސްކަރިއްޔާ ރިއާ އެޑްމިރަލް ސްރީކުމާރު ނެއީރްއެވެ. ދިވެހި އަސްކަރުއްޔާގެ ފަރާތުން މަނަވާރާއި ހަވާލުވެވަޑައިގަތީ، ކޮމާންޑިންގް އޮފިސާ، މޭޖާ ހުސައިން ރަޝީދުއެވެ. މި ރަސްމިއްޔާތު ކުރިއަށް ދިޔައީ، ނޮވެމްބަރު 25، 2020 ވީ ބުދަ ދުވަހު، ވިސާކާޕަޓްނަމްގައެވެ.

ދިވެހި ސިފައިންގެ ކޯސްޓްގާޑް ފްލީޓްގައި ބޭނުން ކުރަމުން އަންނަ އަސްކަރީ މަނަވަރު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ދިފާއީ މުޝީރު، ކާނަލް އަހުމަދު ތޯހިރު ވަނީ، އިންޑިއާއިން "ސީޖީއެސް ހުރަވީ"ގެ މަރާމާތުގެ މަސައްކަތް ކޮށްދިން ކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރުވެރިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގެ ސަރުކާރުން މިފަދަ މަސައްކަތެއް، ނުހަނު ފުރިހަމަ ކަމާއި، އޮމާން ކަމާއެކު ނިންމާލަ ދިން ކަން ފާހަގަ ކުރައްވާ، ދިވެހި ދިފާއި ވަޒީރު، އަލްއުސްތާޒާ މާރިއާ އަހުމަދު ދީދީގެ މެސެޖެއްވެސް ކާނަލް ތޯހިރު ވަނީ އިންޑިއާއަށް ދެއްވާފައެވެ.

"ސީޖީއެސް ހުރަވީ"ގެ މަރާމާތުގެ މަސައްކަތަށް އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައި މާރިއާ ވަނީ، ރާއްޖެއަކީ 99.78 ޕަސެންޓް ކަނޑު އޮތް ސަރަހައްދަކަށް ވާއިރު، ކޯސްޓްގާޑް މަނަވަރުފަހަރުގެ މުހިންމު ކަން، މި ގައުމަށް އިންތިހާއަށް ބޭނުންވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި ބަލިމަޑުކަމުގެ ތަދުކަމާއެކުގައިމެ، އިންޑިއާއިން ފޯރުކޮށްދިން އެހީ، މާރިއާ ވަނީ ފާހަގަ ކުރައްވާފައެވެ.

"ސީޖީއެސް ހުރަވީ" މަނަވަރު ރާއްޖެއާ ހަވާލު ކުރުމަށް ނޮވެމްބަރު 25، 2020 ވީ ބުދަ ދުވަހު، ވިސާކާޕަޓްނަމްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް | ޓްވިޓާ

މާރިއާ ކުރެއްވި ޓްވީޓްއާއި ގުޅިގެން، ރާއްޖޭގައި ހުންނަ ހައިކޮމިޝަނުން ވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. އިންޑިއާ ހައިކޮމިޝަނުގެ ޓްވީޓްގައި ބުނެފައި ވަނީ، ދަތި އުނދަގޫ ވަގުތުތަކަކީ، ދިވެހިރާއްޖެއާއި އިންޑިއާގެ ގާތް، އަހުވަންތައް، އަވަށްޓެރި ގުޅުން އިތުރަށް ބަދަހި ކުރުވާ ކަމެއް ކަން ފާހަގަ ކޮށްފައެވެ. އަދި މިއީ ދިފާއީ ބަދަހި ގުޅުމުގެ މިސާލެއް ކަމަށްވެސް ހައިކޮމިޝަންގެ ޓްވީޓްގައި ބަޔާން ކޮށްފައިވެއެވެ.

މަރާމާތުގެ މަސައްކަތަށް، "ސީޖީއެސް ހުރަވީ" އިންޑިއާގެ ނޭވަލް ޑޮކްޔާޑުގައި ބަނދަރު ކުރީ ފެބުރުވަރީ 22، 2020 ގައެވެ. "ސީޖީއެސް ހުރަވީ" މަރާމާތު ކުރުމުގެ ތެރޭގައި މައި ޕްރޮޕަލްޝަން އަދި އޮގްޒިލަރީ މެޝީނަރީ ބަދަލުކޮށް/މަރާކުރުމާއި، މަނަވަރަށް ހަކަތަ ފޯރުކޮށްދޭ ސިސްޓަމް އާ ކުރުމާއި، އިތުރު ސިސްޓަމްތައް އޯވާހޯލް ކުރުން ފަދަ މަސައްކަތްތައް ކޮށްފައިވެއެވެ. މަރާމާތަށް ފަހު، އިންޑިއާގެ ބަނދަރުތަކުގައި މަނަވަރުގެ ގާބިލިއްޔަތު ކަން ވަޒަން ކުރުމަށް ޓެސްޓުތަކެއް ހަދާ، އޮޕަރޭޝަންތަކުގައި ބޭނުން ކުރެވޭ ފެންވަރަށް މަނަވަރު މަރާމާތު ކޮށް ނިންމާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހި ސިފައިންގެ ކޯސްޓްގާޑް ޔުނިޓްގައި ބޭނުން ކުރާ "ސީޖީއެސް ހުރަވީ" އަކީ، ކުރިން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ބޭނުން ކުރި "އައިއެންއެސް ތިއްލަންޗާންގް" މަނަވަރެވެ. މި މަނަވަރު ބަނދެފައި ވަނީ 2001 ވަނަ އަހަރު، ކަލްކަޓާގައެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން، މި މަނަވަރު ރާއްޖެއަށް ހަވާލު ކުރީ 2006 ވަނަ އަހަރުއެވެ. އެއީ ދޭދޭ ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައެވެ.

"ސީޖީއެސް ހުރަވީ" މަނަވަރު ރާއްޖެއާ ހަވާލު ކުރުމަށް ނޮވެމްބަރު 25، 2020 ވީ ބުދަ ދުވަހު، ވިސާކާޕަޓްނަމްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް | ޓްވިޓާ

"ސީޖީއެސް ހުރަވީ" މަރާމާތު ކުރުމުގައި ހަރަކާތްތެރިވި ކުރޫއަކީ، ކޮވިޑް-19ގެ އިންފެކްޝަނުން ސަލާމަތްވެފައިވާ ކުރޫއެއް ކަމުގެ ޔަގީންކަން ރިއާ އެޑްމިރަލް ނެއީރު ވަނީ ދެއްވާފައެވެ. "ސީޖީއެސް ހުރަވީ" މަރާމާތުގެ އަގު، 4 މިލިއަން ޑޮލަރަށް އަރާ ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ. މަރާމާތުގެ ހުރިހާ ހަރަދެއް ހަމަޖައްސާދީފައި ވަނީ އިންޑިއާއިންނެވެ.