ތަޖުރިބާ ނެތް މީހުން ކޯޓުތަކަށް ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވާ ގޮތަށް އެމީހުން ލައްވާ ހުކުމް ކުރުވަން ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ މިއަދު ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޖޭއެސްސީން މީހުން އައްޔަން ކުރުމާ ގުޅިގެންނެވެ. އެގޮތުން ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރީ ހާތިފް ހިލްމީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރީ އަހުމަދު ޝަކީލެވެ.
ހައިލަމް ވިދާޅުވީ، ކްރިމިނަލް ކޯޓަަށް އައްޔަން ކުރެއްވި އަހުމަދު ޝަކީލަށް އެ މަގާމު ލިބިވަޑައިގަތީ ސުޕްރީމް ކޯޓު ފަނޑިޔާރު މަހާޒުގެ ކޮއްކޮ އަކަށް ވީތީ ކަމަށެވެ. އަހުމަދު ޝަކީލަކީ އެއްވެސް ކޯޓެއްގައި ދުވަހަކު ވަކާލާތު ކުރި ފަރާތެއް ނޫން ކަމަށާއި އެއީ ތަޖުރިބާ ނެތް މީހެއް ކަމަށް ހައިލަމް ވިދާޅުވިއެވެ. އެފަދައިން ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރަނީ ބޭނުންވާ ގޮތަށް އެމީހުން ލައްވާ ހުކުމް ކުރުވަން ކަމަށް ހައިލަމް ވިދާޅުވިއެވެ.
ޖޭއެސްސީން އެ ދެބޭފުޅުން އައްޔަން ކޮށްފައި ވަނީ އެ މަގާމުތަކަށް ކުރިމަތިލެއްވި މީހުންނާއި "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަވިއު ކުރުމަށްފަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި އެ ދެބޭފުޅުން އައްޔަން ކުރުމަށް ލަފާދެއްވާފައި ވާތީ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އަދި ޝަރީއާ އިން މާސްޓާސް ހާސިލް ކުރައްވާފައެވެ. އަދި އޭނާއަކީ ފަނޑިޔާރު ކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ. އޭނާ ކުރިން މަސައްކަތް ކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލް ކޯޓާއި، ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ކްރިމިނަލްކޯޓު ހިމެނެއެވެ.
ޖޭއެސްސީން އައްޔަންކުރި ފަނޑިޔާރުންނަށާއި ޖޭއެސްސީއަށް ހައިލަމް ފާޑުވިދާޅުވެފައިވާއިރު މީގެ ކުރިންވެސް ހައިލަމް ވަނީ މި ސަރުކާރަށާއި ޖޭއެސްސީއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވެރިކަން ކުރާ ޕާޓީ އެމްޑީޕީން މަޖިލިހާއި ޖޭއެސްސީ ކޮންޓްރޯލް ކުރާ ކަމަށާއި އެއަށް ކިޔަނީ ތިންބާރު ވަކިވެ މިނިވަންވެފައި ވުން ތޯ އައްސަވައި ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ. ހައިލަމް ވަނީ ވައުދާ އެއްގޮތަށް ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރަންޖެހޭ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ.
ހައިލަމް ޖޭއެސްސީއަށް އަމާޒުކޮށް ފާޑުވިދާޅުވާން ފަށާފައި ވަނީ މިދިޔަ އހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުނުމާ އެކުއެވެ. އެއީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅޭ މައްސަލައެވެ. އެހެންކަމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކުރިން ކުރިގޮތްދޯ ދަސްވާނީ!