ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރަން އައްޔަން ކުރަންޖެހޭ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް ހަތަރު އަހަރު ފަހުން ތަސްލީމާ އުސްމާން އައްޔަންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް މީހަކު ހަމަޖައްސާފައި ވަނީ އިއްޔެއެވެ. އެ މަގާމަށް އައްްޔަން ކުރީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ތަސްލީމާ އުސްމާން (ތަހޭ) އެވެ. އޭނައާއެކު އެ މަގާމަށް އިތުރު ދެ މީހަކު އެމަގާމަށް ކުރިމަތިލާފައި ވެއެވެ.
ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސަކީ އޮގަސްޓް 26، 2015 ގައި ތަސްދީގުކޮށް އޭގެ އަހަރެއް ފަހުން އަމަލުކުރަން ފެށި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމަށްޓަކައި އައްޔަން ކުރަންޖެހޭ މަގާމެކެވެ. ނަމަވެސް ހަތަރު އަހަރުވީ އިރު ވެސް އެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފައި ނުވެއެވެ.
ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސިއްހީ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމާއި އެ ތަންތަން ހިންގަނީ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ތޯ ކަށަވަރުކުރުން ހިމެނެއެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރު ކުރުމަށާއި މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން ރައްކާތެރި ކުރުމަށް އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލުމާއި ސިއްހީ ހިދުމަތްދޭ ތަނެއްގެ އިހުމާލުން ކަމެއް ހިނގައިފި ނަމަ އެކަމެއް ބަލައި ތަހުގީގުކޮށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަކީ ވެސް ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރުގެ ޒިންމާ އެކެވެ.
އެ މަގާމަށް ޓެކްނިކަލް ޑިރެކްޓަރު ޖެނެރަލް ފެންވަރުގެ މަގާމާ އެއް ފެންވަރުގެ މުސާރަ އާއި އިނާޔަތްތައް ލިބޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ކަންކަން ހިންގާފައިވާ ގޮތް ދެނެގަތުމަށް ރައްޔިތުން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ޑޮކްޓަރުންނާއި މިދިޔަ އޮގްސްޓް މަހު ބައްދަލު ކޮށް ދެއްކި ވާހަކަތަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރުން ވަނީ އެ ކޮމިޓީއަށް މައްސަލަަތކެއް ހުށަހަލާފައެވެ. ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރެއިން ހެލްތް މިނިސްޓްރީގެ ލީޑާޝިޕްގައި ވަރަށް އިސް ދައުރެއް އަދާކުރަންޖެހޭ ގިނަ މަގާމްތަކެއް ހުސްކޮށް އޮތުން ފާހަަގަކޮށްފައި ވެއެވެ.
އެއީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސަސްގެ މަގާމާއި ނެޝަނަލް ބްލަޑް ސާވިސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމެވެ. އަދި ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް މަގާމް އުފައްދާ ފައި ނުވާކަމާއި ހިމަޓޮލޮޖިސްޓެއްގެ މަގާމުގައި ވެސް މީހަކު ނެތުން ހިމެނެއެވެ.