ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 65 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ބޭންކުން 2017 ވަނަ އަހަރު ފެށި އެ ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއާ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާ އެއް ހަދިޔާ ކުރުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ވީލްޗެއާ ހަދިޔާ ކުރެވި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.

މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށްއެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ފަރުދުންނަށް ވީލްޗެއާ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން. މިފަދަ ދަތި އުދަނގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއަރ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން
ބީއެމްއެލްގެ ސީއީއޯ އަދިމެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ

ބޭންކުގެ އަމާޒަކީ މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުން ކަމަށާއި އެ 65 ވީލްޗެއާ އާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ 140 އަށް ވުރެ ގިނަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު