ދުނިޔޭގެ އޭޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ހަފްތާއަކަށް، ވާވުއަލްކޮށް ރަތް ރިބަން ބޭނުން ކުރުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ފާހަގަކުރަމުން އަންނަ އޭޑްސް ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އޭޑްސް ދުވަސް ފާހަގ ކުރުމުގެ ގޮތުން އަންނަ މަހުގެ 1 އިން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް އެއް ހަފްތާގެ މުއްދަތަށް ރަތް ރިބަން ބޭނުންކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް، ކޮވިޑާ ގުޅިގެން މި އަހަރު ރިބަން ވާޗުއަލްކޮށް ބޭނުންކުރުމަށް ހަމަޖެހިފަވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަކީ މުޅި ދުނިޔޭގައި އޭޑްސް ބައްޔާ ދެކޮޅަށް އެންމެން އެކުއެކީގައި މަސައްކަތް ކުރާ ދުވަސް ކަމަށެވެ. އަދި އެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތް ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލިފެތުރުމަށް މަގުފަހިވާ ފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިކަމަކީ އޭޑްސްބަލިން މުޖްތަމައު ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ކަންކަމުގައި ހުރިހާ ބޭފުޅުން ޝާމިލުވުމާއި އަދި މިބަލި ޖެހިފައި ތިބޭ މީހުން މުޖުތަމައުގައި ބާކީކޮށް އެކަހެރިކޮށް ނުލުމަށް ހުރިހާ ފަރާތްތަކުން ކަނޑައަޅާފައިވާ ކަނޑައެޅުން ރަމްޒުކޮށް ދިނުމަށްޓަކައި ކުރެވެމުންދާ މުހިއްމުކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ. އެހެންކަމުން އެ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ވާޗުއަލް ރަތްރިބަން މީސްމީޑިޔާގެ އެކި ވަސީލަތްތަކުގައިބޭނުން ކުރުމަކީ މިއެޖެންސީގެ ވަރަށްބޮޑު އެދުމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މިފަދަ ކަންކަމުގައި ދިވެހިންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ވަރަށް އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.އަދި ޓީވީތަކުން އެ މުއްދަތުގައި ކުރިޔަށްދާ ޓީވީ ޕްރޮގްރާމްތަކުގައި ރަތްރިބަން ލޯގޯ ޓީވީއިން އަރުވާ ދިނުމަކީ ވެސް އެ އެޖެންސީން އެދެއެވެ.

މިއަހަރުގެ އޭޑްސް ދުވަހުގެ ތީމަކީ "ގްލޯބަލް ސޮލިޑަރިޓީ، ޝެއާޑް ރެސްޕޮންސިބިލިޓީ" އެވެ.