ދޯންޏެއްގެ ފަޅުވެރިއަކަށް ހުރި ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިގެން މ. މުއްޔަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ، މ. ކޮޅުފުށި ދެކުނުން 11 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމުގައި އުޅުނު "އަލިރާސްތާ-1" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިފައިވާ ކަމަށެވެ.

މި ހާދިސާ ރިޕޯޓް ކުރުމާއެކު އަނިޔާވި މީހާ އަވަސް ފަރުވާއަށް މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުން ވަނީ ހަރަކާތްތެރި ވެފައި ކަމަށް ވެސް އެފަރާތުން ބުނެއެވެ. ބުޅި ހެރިފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އޭނާ މިއަދު މެންދުރު ފަހު 2:45 ހާއިރު މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަސްވެރިކަން ކުރަން ނުކުމެ އުޅޭ އިރު މަދުން ނަމަވެސް ލޮލަށް ބުޅި ހެރޭ ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. އެ ގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެމްއެންޑީއެފުން ވަނީ މަހަށް ގޮސް އުޅެނިކޮށް، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެދުވަހު އެމްއެންޑީއެފުން ބުނީ ކ.ދިއްފުށި ކަނދުފަތީގެ އިރުން 26 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "އަޒުމް" ދޯނީގައި ހުރި 40 އަހަރުގެ ދިވެހި ފަޅުވެރިއެެއްގެ ލޮލަށް ބުޅިއެއް ހެރިގެން ރިޕޯޓު ކުރި ކަމަށެވެ.

ހަމައެއާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް އެފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. އެއީ އދ. މަންދޫ ހުޅަނގުން 101 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "ކޮންކޯޑް" ނަމަކަށް ނިޔާ ދޯންޏެއްގައި ހުރި އުމުރުން 65 އަހަރުގެ ދިވެއްސެއްގެ ލޮލަށް ބުޅިއެއް ހެރުނު ހާދިސާއެކެވެ.