މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ފަށައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ފެށީ އެކަމާ ގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެން ކަމަށެވެ. މި މަސައްކަތަކީ މާލޭ ސިޓީގައި ބޯހިޔާވަހި ކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުން ދާތީ އެކަން ހައްލުކުރުމަށް ފެއްޓި މަސައްކަތެއް ކަމަށެވެ.

ހޯމް މިނިސްޓްރީން އިސް ނަގައިގެން މިކަން ކުރަން ފެށީ އެފަދަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ކަމުގައި ފާހަގަ ކުރެވޭތީ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މައްސަލަތައް ހައްލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑާ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މާލޭ ސިޓީ ކައުންސިލެވެ.

އިމްރާން ވަނީ މި ދާއިރާތަކާ އެކު މިއަދު ބައްދަލުކުރައްވާ އެކަން ހައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައި ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.