3 ދުވަސް ކުރިން މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަބްދުﷲ މުއާޒު، އެނބުރި އެނާގެ ގެއަށް ރޭގެ ވަގުތެއްގައި ގޮސްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 17 ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހަކު އަނބުރާ ރޭގެ ދަންވަރު 12:03 ހާއިރު ގެއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު އާއިލާއިން ފުލުހުންނާ ހިއްސާކޮށްފައި ވާ ކަމަށެވެ.

އޭނާ އަކީ ބ. މާޅޮސް، ކީސްފިލާ، ޢަބްދުﷲ މުއާޒު ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 3:45 ހާއިރުއެވެ. އަދި އެންމެ ފަހުން އޭނާ ފެނުނު އިރު ލައިގެން ހުރީ ކަޅު ތިކިތަކެއް ޖަހާފައި ހުރި ނޫކުލައިގެ ޓީޝާޓަކާއި ގަދަ މުށިކުލައިގެ ފަޓުލޫނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ

ދާދީ ފަހުންވެސް މާލެއިން ވަނީ ވީނުވީއެއް ނޭނގި މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

އެއީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ގެއްލިގެން ރިޕޯޓުކުރި ޝިރުމީނާ އަބޫބަކުރެވެ. އަދި އޭނާ އަކީ ގެއްލިގެން ހޯދަމުން ދާ މީހެއް ކަމަށް ބުނެ ފުލުހުން ފޮޓޯ އާންމުކޮށް، އާންމުންގެ އެހީތެރި ކަމަށް އެދުމުން ޝިރުމީނާ ވަނީ އަމިއްލައަށް އޭނާގެ ގެއަށް ގޮސްފައެވެ. ޝިރުމީނާ ގެއަށް ދިޔަ ފަހުން ފުލުން ބުނީ، ބަޔަކު އޭނާ ރަހީނު ކޮށް ފައިސާ އަތުލި ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.