މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ކޯލިޝަން ރޫޅާ ނުލާ ކަމަށާއި ވަކިކުރަން ދެން ވައުދުވި ގޮތަށް ކޯލިޝަނުގައި ދެމިތިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީއަށް އެއްވެސް ފަހަރަކު އުންމީދުކުރި ގޮތަށް ކަންކަން ނުވާ ކަމަށެވެ. އެހެން ނަމަވެސް މިފަހަރުވެސް ކޯލިޝަނުން ވަކިކުރަން ދެން ވައުދުވި ގޮތަށް ކޯލިޝަނުގައި ދެމިތިބޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކޯލިޝަން ސަރުކާރު ހިންގާ ތަންތަނުގައި އަބަދުވެސް މައްސަލަ ޖެހޭ ކަމަށާއި ރާއްޖޭގައިވެސް އެކަން އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ތިބީ މިފަހަރުވެސް އެމްޑީޕީން އަޅުގަނޑުމެންގެ ގައިގައި ޖަހާ ބޭރުކޮށްލާތޯ ބަލަން. އަދި އަޅުގަނޑުމެންނާ އެއްބަސްވެފައި އޮތް ސަތޭކަ ޕަސެންޓު ގޮތަށް ކަންކަން ދިޔަސް ނުދިޔަސް އަޅުގަނޑުމެން މިތިބީ އެމްޑީޕީން އަޅުގަނޑުމެން ކޯލިޝަނުން ވަކިކޮށް އެއްލާލާތޯ ބަލަން. އަޅުގަނޑުމެން އަމިއްލައަކަށް ބޭރުވާކަށް ނެތީމޭ. އަޅުގަނޑުމެން ބޭނުން އަޅުނޑުމެން ވީ އަހުދާ ވައުދުގަ ހިފަހައްޓައިގެން ތިބެން،"
ގާސިމް އިބްރާހިމް

އަދި ޖޭޕީން މިހާތަނަށް ތިން ސަރުކާރަކާ އެކު ކޯލިޝަން ހެދި އިރުވެސް ޖޭޕީއަށް އުންމީދު ކުރި ނަތީޖާ ލިބިފައިނުވާ ކަމަށާއި ފުރަތަމަ ދެ ފަހަރުވެސް ކޯލިޝަން ރޫޅާލީ ޖުމްހޫރީ ޕާޓީން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ފަހަރު ނަތީޖާ ލިބެނީ ސުމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މި ފަހަރު ސަރުކާރަށް ދެ އަހަރު ފުރުނު އިރުވެސް ކޯލިޝަން ނުރޫޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯލިޝަން ރޫޅާލުމުގެ ވާހަކަ ޖޭޕީން ދައްކާފައި ނުވާނެ ކަމަށާއި ކޯލިޝަން ރޫޅާލުމުގެ ކަންކަން ހިންގަނީ ކޮން ދިމާލަކުން ރައްޔިތުންނަށް ވެސް ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އުންމީދުކުރާ ގޮތަށް ކަންކަން ނުދިޔަސް ޖޭޕީން އޮތީ ރައީސް އިބްރާހިމަށް މުހައްމަދު ސޯލިހަށް އެއްބާރުލުން ދީގެން ކުރިއަށް ދާން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޯލިޝަނުން ބޭރުކޮށްލަންދެން އެގޮތުގައި ދެމިތިބޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކޯލިޝަންގައި ދެމިހުންނާނެ ކަމަށް ގާސިމް ވިދާޅުވާއިރު މި ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންގެ ތެރެއިން ޖޭޕީގެ ފަރާތުން އައިސްފައިވާ ދެ ވަޒީރުން ވަނީ މިހާރު މަގާމުން ވަކިވެފައެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މި ދެމަގާމަށް އާ މިނިސްތަރުން އައްޔަން ކުރި އިރު ޓޫރިޒަމް މިނިސްތަރު ކަމަށް އައްޔަން ކުރި ޑރ. އަބްދުﷲ މައުސޫމަކީ ޖޭޕީއަށް ނިސްބަތްވާ ބޭފުޅެކެވެ. ނަމަވެސް ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ އަހުމަދު ނަސީމެވެ.

ހެލްތު މިނިސްޓަރު ކަމަށް އެމްޑީޕީގެ ބޭފުޅެއް އައްޔަން ކުރުމުން ގިނަ ބަޔަކު ވަނީ އެކަމަށް މި ސަރުކާރު ކޯލިޝަނަށް ފާޑުވިދާޅުވެފައެވެ.