މި ސަރުކާރުގެ ފަރާތުން ވާވަރަށް ކަންކަން އޮލުވާލާފި ކަމަށާއި މިހާރު ވާ ވަރުވެއްޖެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ އިއްޔެ ހއ. ހޯރަފުށި އެއާޕޯޓު ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، ވެރިކަމާއި ހުރިހާ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ 65 މެންބަރުން ލިބިވަޑައިގަތުމުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިންގުންތެރިކަމެއް އަދި ލީޑާޝިޕެއް ނެތުމުން ވައުދުތައް ނުފުއްދެވި ގައުމު ދަރުވާލައި ފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި އިލްޒާމް އެޅުވިޔަސް ރައްޔިތުންނަށް އިތުރަށް އޮޅުވައި ނުލެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނުހައްގުން ރައީސް ޔާމީން ޖަލަށް ލުމަށް ފަހު މަތި މައްޗަށް ނުހައްގު ދައުވާތައް ކޮށް ރައީސް ޔާމިންގެ އިސްތަށިފުޅުގައި އިތުރު އިލްޒާމްތައް ރައީސް ސޯލިހް އަޅުއްވަނީ "ހާދަ ވަރުގަދަ ހަސަދަވެރިކަމަކާއި ބަދަލުހިފުމެއް އޮތުމުން ކަމަށް" އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް އިއްޔެ ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގައި ވިއްކާފައި އޮތް 85 ރަށް އެބައޮތް ކަމަށާއި އެ ރަށްތަކުން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތައް ދޫކޮށްފައިވާ ކަމަށާއި އެކަމުން ލިބުނު ފައިސާ ހިއްޕަވައިގެން "ޔާމީން ވަޑައިގެންނެވީ" ކަމަށެވެ.
ޔާމީން ހިއްޕަވައިގެން ވަޑައިގެންނެވި ފައިސާ ހުރިނަމަ މިހާރު ދަތި ހާލުގައި އުޅެން ނުޖެހޭނެ ކަމަށާއި އެ ފައިސާއިން ހަރަދު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ. އެހެންކަމުން ދަރަނި ބޮޑުވުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށާއި އަދި މިހާތަނަށް ދަރަނީގެ ގޮތުގައި މި ސަރުކާރުން ނެގީ 15 ބިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ޖަހާފައި އޮތީ ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދެއްކުމަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެެވެ.