މި ސަރުކާރަށް ތާއީދު ކުރާ ކަމަށާއި ކޯލިޝަން ދެމެހެއްޓުމަށް ސަރުކާރާއެކު ދެމި އޮންނާނަން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީން ބުނީ، އެމްއާރުއެމް އަކީ މިއަދުގެ ކޯލިޝަން ސަރުކާރުގެ މުހިއްމު ބައިވެރިއެއް ކަމަށާއި ސަރުކާރަށް ތާއީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމަށް އެ ޕާޓީން މި ސަރުކާރާއެކު ދެމި އޮންނާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމުގައި، އެ ޕާޓީން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ވާނެ ކަމަށް އެޕާޓީން ބުނެއެވެ. އެމްއާރުއެމް އުފެދިގެން އައީ ގައުމީ މުހިއްމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށެވެ. އެ ޕާޓީން މަސައްކަތް ކުރާނީ ގައުމަށް މަންފާ ކުރާ، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަން ދީގެން ކަމަށް އެމްއާރްއެމުން ބުނެއެވެ. އެގޮތުން އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް ކަމަށް އެމްއާރްއެމުން ބުނެއެވެ.

އެމްއާރްއެމުން ބުނީ، .ދައުލަތް ހިންގުމުގެ 3 ބާރު ވަކިކުރެވިފައި ވާ ނިޒާމެއްގެ ދަށުން، ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި، އަދުލު އިންސާފު ކަށަވަރު ކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެ ޕާޓީގެ އަސާސްތައް ކަމަށެވެ.

އެ ޕާޓީގެ އެމް މުހިއްމު އަސާސަކީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ ރާއްޖެ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި މިނިވަން ކަމާއި ސިޔާދަތު ރައްކާތެރިކޮށް އެކަން ކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުކުރާނެ ގޮތަކަށް ރާއްޖެ ދެމެހެއްޓުމަށް ކަމަށް އެމްއާރްއެމުން ބުނެއެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްއާރްއެމްއަކީ އަބަދުވެސް ރައީސް ސޯލިހަށާއި މި ސަރުކާރަށް ސަޕޯޓް ކުރާ ޕާޓީއެކެވެ. އެމްއާރްއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ރައީސް ސޯލިހަށް ގިނަ ކަންކަމުގައި ލަފާ އަރުއްވާވެސް ބޭފުޅެކެވެ.