ރާއްޖޭގައި ހުރި އާސާރީ އެއް މިސްކިތް ކަމުގައިވާ ކަޅުވަކަރު މިސްކިތް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަލުން ހުޅުއްވައި ދެއްވައިފިއެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވައި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މިސްކިތް ގާއިމުވެ ހުންނާނެ ދާއިމީ ބިމެއް ކަށަވަރު ނުވެ 230 އަހަރު ހޭދަވި ކަމަށާއި މި ސަރުކާރުން އެ މިސްކިތް އަލުން ބަހައްޓަން ހަމަޖައްސައި ދިން ބިމަކީ އެ މިސްކިތުގެ ދާއިމީ ވަޒަނަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަދި ތަރިކަ ރައްކާތެރި ކޮށް ދަމަހައްޓަން ވީ އިގުތިސޯދު ކުރިއަރުވައި އާމްދަނީ އިތުރު ކޮށްދޭ ވަސީލަތެއްގެ ގޮތުގައި ކަމަށާއި ސަގާފަތާއި ފަންނުވެރިކަމާ ގުޅިފައިވާ ކަޅުވަކަރު މިސްކިތަކީ ތާރީހީ ހަޒާނާއެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ތާރީހުގެ އަނދިރިކަމުގެ ތެރެއަށް މިސްކިތް ގެއްލެން ދަނިކޮށް، ސަލާމަތް ކުރެވުމަކީ ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެ މިސްކިތް ނެގުމަށް ފަހު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެތަނުގައި ވިންޓާ ޕާކެއް އަޅާފައެވެ. ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުގެ ތެރޭގައި ހުއްޓައި ރޫޅާލައިގެން ނެގީ ގދ. ތިނަދޫ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވާނެ ކަމަށް ބުނެއެވެ.
ހިރިގަލުން ހަދާފައިވާ އެ މިސްކިތް އެހެން ތަނަކަށް ބަދަލުކުރާ ވާހަކަ ދެއްކުމާއި އެކު ތާރީހަށް ލޯބިކުރާ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލައި، އެ މައްސަލައިގައި ކޯޓަށް ވެސް ދިޔައެވެ. އެހެން ނަމަވެސް އޭރު ސަރުކާރުން އެ މިސްކިތް ރޫޅާލުމަށް ފަހު މިސްކިތަށްވީ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.