އުމުރުން 7 އަހަރުގެ ސީރިއޯ ޕެރިޗެއްތީ އަކަށް ވާހަކައެއް ނުދެއްކެއެވެ. އަމިއްލަ އަކަށް ނުކެވެއެވެ. ނަމަވެސް، މިއަދު އޭނާއަކީ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ޝަހްސެކެވެ. ހާއްސަ އެހީއަށް ބޭނުންވުމަކީ، އެހެން މީހުންނަށް ހިތްވަރު ދެނިވި، ނުފޫޒުގަދަ މީހަކަށް ނުވެވޭންވީ ސަބަބެއް ނޫންކަން، އޭނާ އެ ދަނީ ސާބިތު ކޮށްދެމުންނެވެ.

ސީރިއޯގެ ބަލީގެ ނަމަކީ ސްޕާސްޓިކް ޓެޓްރަޕްލެޖިއާއެވެ. މިއީ ސެރަބްރަލް ޕާލްސީ (ސީޕީ)ގެ ވައްތަރެކެވެ. ނަތީޖާއެއްގެ ގޮތުން، ހަތަރެސް ފައިގެ 3 ގުނަވަކަނަށް ސީރިއޯއަކަށް ބާރެއް ނުފޯރުވެއެވެ.

ސޯޝަލް މީޑިއާ ފަތަހަ ކުރަމުން އަންނަ އިޓަލީވިލާތުގެ، އުމުރުން 7 އަހަރުގެ، ސީރިއޯ ޕެރިޗެއްތީ / ފޮޓޯ: މޯރަންގްޕްރެސް

ސީރިއޯގެ އަނގަ، އަބަދުމެ ހުންނަނީ ހުޅުވިފައެވެ. އެހެން ކަމުން، އާންމު އުސޫލުން ބަސްތައް ބޭނުން ކޮށްގެން ވާހަކައެއް ނުދެއްކެއެވެ. އެހެން ކުދިން ފަދައިން، ކާއެއްޗިހި ދިރުވައެއް ނުހެދެއެވެ. ސީރިއޯގެ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދެނީ ދިޔާ މާއްދަތަކުގެ ޑައެޓަކުންނެވެ. މި މާއްދާތައް އެނާގެ ހަށިގަނޑަށް ފޯރުކޮށްދެނީ، ބަނޑަށް ގުޅާފައިވާ ހޮޅިއަކުންނެވެ. ނޭވާލުމަށް ފަސޭހަ ކޮށްދިނުމަށް ސާޖަރީއެއްވެސް ވަނީ ހަދާފައެވެ.

މި ހުރިހާ ވޭނެއް އުފުލަމުންވެސް، ދިރިއުޅުމުގެ އުޖާލާ ކަމަށް ކުޑަ ނަމަވެސް ބަދަލެއް ނުގެނެސް، ސީރިއޯ ދުވަސްތައް ގުނަމުން ދިއުމުގެ ނަތީޖާއަކަށް ވީ، އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް، މަންމަ، ވެލެންޓީނާއަށް ހިތްވަރު ލިބުމެވެ. ވެލެންޓީނާ ވަނީ ސީރިއޯގެ ދިރިއުޅުމުގެ މަންޒަރުތައް މުޅި ދުނިޔެއަށް ހިއްސާ ކުރުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާގައި ހާއްސަ އެކައުންޓްތަކެއް ހުޅުވާފައެވެ.

ސޯޝަލް މީޑިއާ ފަތަހަ ކުރަމުން އަންނަ އިޓަލީވިލާތުގެ، އުމުރުން 7 އަހަރުގެ، ސީރިއޯ ޕެރިޗެއްތީ / ފޮޓޯ: ޑެއިލީޓައިމްސް

"ހާއްސަ އެހީއަށް ބޭނުންވުމުގެ ވާހަކަތައް، ތަފާތު ގޮތަކަށް ދުނިޔެއަށް ދައްކައިދޭން ބޭނުންވީ. މިއީ ކުރިމަތިލާން މާ ފަސޭހަ ކަމެއް ނޫން. އެކަމަކު ރަނގަޅު މިސްރާބަކަށް ދެވިއްޖެނަމަ، އެކަށީގެންވާ އެހީ ލިބިއްޖެނަމަ، މި ކުދިންނަށްވެސް ދިރިއުޅުމޭ މިކިއާ މަންޒިލްގެ ހަގީގީ އުފާ ހާސިލު ކުރެވިދާނެ" ވެލެންޓީނާ ބުންޏެވެ.

ސޯޝަލް މީޑިއާއަށް ސީރިއޯ ދޫކޮށްލާ މަންޒަރުތަކަކީ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ މަންޒަރުތަކެކެވެ. އޭނާގެ ބައެއް ވީޑިއޯތަކަށް 130000 އަށް ވުރެ ގިނަ ވިއުޒް ލިބެއެވެ.

ސޯޝަލް މީޑިއާ ފަތަހަ ކުރަމުން އަންނަ އިޓަލީވިލާތުގެ، އުމުރުން 7 އަހަރުގެ، ސީރިއޯ ޕެރިޗެއްތީ / ފޮޓޯ: އެންވައިޕީ

ސީރިއޯގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، އުމުރުގެ އެހެން ކުދިންނާ އެތައް ގޮތަކުން ތަފާތުވެ، ގޮންޖެހުންތަކެއް ގިރާ ކުރަން ޖެހުނެއް ކަމަކު، ދިރިއުޅުމުގެ މައިދާނުގައި އޭނާ ފަސް ނުޖެހޭކަން ސާބިތުކޮށްދެއެވެ. ސްކޫލަށް ދިއުމާއި، ކާރު ދުއްވުމާއި، ދޮށީ ބޭބެ ހޭލެއްވުމުގައި ސީރިއޯ އުޅޭ މަންޒަރުތައް ފެނެއެވެ.

ވެލެންޓީނާގެ އަމާޒަކީ، ހާއްސަ އެހީއަށް ބޭނުންވަނާ ދަރިއަކު ހުރުމަކީ، ހުރިހާ އުފައްލެއްގެ ނިމުން ނޫންކަން ސާބިތުކޮށްދިނުމެވެ. ވެލެންޓީނާ އަމާޒު ހިފާފައި ހުރީ، ހާއްސަ އެހީއަށް ބޭނުންވުމަކީ، އަބަދު އަނެކާގެ އެހީ ބޭނުން ވުން ނޫންކަން ސާބިތުކޮށްދިނުމަށެވެ.