މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން ޕާކިން ފީގެ އިތުރުން އިތުރު ޗާޖެެއް ނެގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާތީ ކުރީގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ބަޖެޓުގައި އާމްދަނީ ހޯދާނެ ވަސީލަތެއްގެ ގޮތުގައި "ކޮންޖެޝަން ޗާޖު"ގެ ނަމުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ފައިސާ ނަގަން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ޓްރެފިކާ ޕާކިންގެ މައްސަލަ ހައްލު ނުވުމަކީ ރައްޔިތުން އިތުރަށް "ހަނާކޮށް" އިތުރަށް "ފަގީރުކޮށް ނިކަމެތިކޮށްލަން" ޖެހޭ ސަބަބެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި އަންނަ އަހަރު 37 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެއެވެ.

އެ ފީ ނެގުމަށް ނިންމާފައިވާ ސަބަބެއް ކަމަށް ފިނޭންސުން ބުނެފައި ވަނީ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށާއި އޭގެ ތެރޭގައި އެކްސިޑެންޓްތައް ގިނަވުމާއި ވައި ނުސާފުވުމާ ގުޅިގެން ކުރަން ޖެހޭ ހަރަދުތަކާއި މަގުތަކުގެ ކެޕޭސިޓީއަށް ވުރެ ގިނައިން އުޅަނދު ދުއްވުމުން މަގުތަކަށް ގެއްލުންވެ، މަރާމާތަށް ގިނަ ހަރަދުތައް ކުރަން ޖެހޭތީ ކަމަށެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ 2018ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން 68 ޕަސެންޓަކީ މާލެ ސަރަހައްދުގައި ބޭނުންކުރާ ވެހިކަލެވެ. އަދި އަލަށް ރަޖިސްޓަރީކުރާ އުލަނދުގެ އަދަދު އަހަރަކު 8 ޕަސެންޓު ދަނީ އިތުރުވަމުންނެވެ.

2021 ވަނަ އަހަރުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 17،792 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައި ވާއިރު، އަންނަ އަހަރަށް އަލަށް ހުށަހަޅާ ކަންކަމަށް 1،218 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކޮންޖެޝަން ޗާޖާއި ޕާކިން ފީ އިން ލިބޭނެކަމަށް ލަފާ ކޮށްފައިވާ އާމްދަނީ ހިމެނެއެވެ.