ޗައިނާގެ ދެ ކޮމްޕެނީން ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ އަދަދު 100 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ޕޮޒިޓިވްވީ 110 މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ ބައެއް މީހުންނާއި އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީގެ ބައެއް މުވައްޒިފުންގެ އިތުރުން ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ މުވައްޒިފުންތަކެއް ކަމަށެވެ.

އެގޮތުން އެ ކްސަލްޓާއިން އިއްޔެ ޖުމްލަ 48 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ އިން ޕޮޒިޓިވްވި 22 މިހަކާއި ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީ އިން 16 މީހަކާއި އެމްއޭސީއެލް ކާގޯ ޑިޕާޓްމަންޓް އިންޕޮޒިޓިވްވި 10 މީހެކެވެ.

މި މަހުގެ 8 ވަނަ ދުވަހު އެ ކްލަސްޓާއިން ވަނީ ޖުމްލަ 7 މީހަކު ޕޮޒިޓިވް ވެފައެވެ. އެ ކުންފުނިން ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ކުންފުނީގެ 45 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މި ކޭސްއާ ގުޅިގެން ޖުމްލަ 650 މީހުން ވަނީ ކަރަންޓީން ކުރެވިފައި ކަމަށާއި އެއީ އެއް ކޮމްޕެނީގެ 425 ސްޓާފުންނާއި އަނެއް ކޮމްޕެނީގެ 225 ސްޓާފުން ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ރަށްފަޅު ހުރާ އިން ޕޮޒިޓިވްވި 21 މީހެކެވެ.