ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާއެކު އާންމު ދިރިއުޅުމަށް އައި އެންމެ ބޮޑު އެއް ބަދަލަކީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ނަމުގައި، ގޭގައި ތިބެގެން "އޮފީސް މަސައްކަތް" ކުރަން ޖެހުނު ޖެހުމެވެ. ބައެއް މީހުންނަށް މިއީ ނަސީބަކަށް ވިއަސް، ލޯމައްޗަށް ފެންނަން އޮތް ފަސްކޮޅު ކޮނެލުމާއެކު، ސީރިއަސް މައްސަލަތަކެއް ވަނީ ތިލަވާން ފަށާފައެވެ.

ގޭގައި މަސައްކަތް ކުރާ އުސޫލަށް ކަންކަން ބަދަލު ކުރުމާއެކު ނަސްލީ ތަފާތު ކުރުންތަކާ، ހަގީގަތް އެކުލެވުމެއް ނެތް ގޮތެއްގައި މީހަކާ މެދު ހީކުރެވިފައި އޮންނަ ކުށް ހީތަކެއްގެ މައްޗަށް ބިނާކޮށް ތަފާތު ކުރެވޭ މިންވަރު އިތުރު ވަމުން އަންނަ ކަން، ދާދި ފަހުން ކުރި ދިރާސާއަކުން ވެސް މި ވަނީ ދައްކާފައެވެ.

ގޭތެރޭގައި ދަރިން ގޮވައިގެން ރަސްމީ މަސައްކަތެއް ކުރަން އިން މީހެއް/ފޮޓޯ: ހާވަޑް ބިޒްނަސް ރިވިއު

ވޫލްފް އިންސްޓިޓިއުޓަށް އިންގްލަންޑްއާއި ވޭލްސްއިން ހަދާފައި މި ދާރާސާ ބުނާ ގޮތުގައި، މަސައްކަތު މާހައުލުން ލިބޭ އެކުވެރިކަމަކީ، މީހުންނާ މެދު ކުރެވޭ ކުށް ހީތައް ނައްތާލުމަށް ކޮށިފައި އޮންނަ ތަނަވަސް މަގެކެވެ.

ހިޔާލު ހޯދުމުގެ ސާވޭތައް ކުރިއަށް ގެންދިއުމުގެ ދާއިރާގައި ހަރަކާތްތެރިވާ ސާވޭޝަންއިން ވޫލްފް އިންސްޓިޓިއުޓަށް މައުލޫމާތު އެއްކޮށްދިނީ، 11701 މީހެއްގެ ފަރާތުންނެވެ.

ދިރާސާގެ އިތުރު ހޯދުންތަކަށް ބަލާއިރު، އެއް މުވައްޒަފަކަށް ވުރެ ގިނަ މުވައްޒަފުން ޖާގަ ހިއްސާ ކުރާ އޮފީސް ތަކުގައި، އެކި ނަސްލުގެ މީހުން އެކުގައި މަސައްކަތް ކުރަން ޖެހުމުން، ނަސްލީ މުއްސަނދިކަންވެސް އެތަނަކަށް ލިބިދޭ ކަން ފާހަގަ ކޮށްފައިވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ސެންޓާ ފޮ އެންވައިރަމެންޓަލް ތެރަޕިއުޓިކްސް

އެކި ނަސްލުތަކުގެ މީހުންގެ މެދުގައި ގުޅުން ބަދަހި ކޮށްދޭ ޕްލެޓްފޯމަކަށް އޮފީސް މާހައުލް ވާއިރު، ވަޒީފާ ނެތް މީހުންގެ ތެރެއިން، އެހެން ނަސްލުތަކުން ރަހުމަތްތެރިން ތިބެނީ އެންމެ 37 ޕަސެންޓް މީހުން ކަމަށްވެސް ދިރާސާ ބުނެއެވެ.

މުޖުތަމައުގެ ގުޅުންތައް ދެމެހެއްޓުމަށްޓަކައި، އޮފީސް މާހައުލަށް ހާޒިރުވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސާ ދިނުމަށް، ވޫލްފް އިންސްޓިޓިއުޓްގެ ބާނީ، އެޑް ކެސްލާ ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. އެކި ދީންތަކާއި، ގައުމުތަކުގެ މީހުން އެކުގައި މަސައްކަތް ކުރަން ޖެހިފައި ވާއިރު، އެކި މީހުން އެކި ތަނުގައި ތިބެގެން މަސައްކަތް ކުރަން މަޖުބޫރުވުމުން، އަނެކާއާ މެދު ކުރެވޭ ކުށް ހީތަކަށް ޖާގަ ތަނަވެސްވެއެވެ.