ކޮވިޑް19 ގެ ސަބަބުން އެހީތެރި ކަމަށް ބޭނުން ވެފައި ތިބި ކުދިންނަށް އެހީތެރި ވުމަށް ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބޭންކު އޮފް މޯލްޑިވްސް އިން ދެމުންދާ އެހީތެރިކަމުގެ ދަށުން އެ ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން އަންނަނީ އެ ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން ހއ ، ހދ، މ، ފ އަދި ދ. އަތޮޅުގެ އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިވުމަށް ހަމަޖެހިފައިވާ ކަމަށާއި މުސްތަގްބަލްގައި އަތޮޅުތައް އިތުރުކުރުމަށް އާކް އިން މަސައްކަތްކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބޭންކުން ވަނީމިދިޔަ މެއި މަހުވެސް ކޮވިޑް19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.

ބީއެމްއެލް އިން ބުނީ އެ އެހީގެ ދަށުން މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން އާކް އަށް ދީފައިވާ މައުލޫމާތާ އެއްގޮތަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ 115 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.