ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދައްކާ، ޓެސްޓު ކުރާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަ ވެއްޖެއެވެ.
އެޗްއީއޯސީ އިން ބުނީ، މީގެ ދެ ހަފްތާ ކުރިން ފްލޫ ކްލިނިކުން ޕޮޒިޓިވްވެފައި ވަނީ 6 ޕަސަންޓު މީހުން ކަމަށެވެ. އަދި އެއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 2 ޕަސަންޓު މަތީ އަދަދެއް ކަމަށެވެ. އަދި ފާއިތުވެދިޔަ ހަފްތާގައި އެ އަދަދު އިތުރު ވެފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
އެގޮތުން ފާއިތުވެދިޔަ ހަފްތާގައި ފްލޫ ކްލިނިކުން ނެގީ 465 ސާމްޕަލް ކަމަށާއި އޭގެ ތެރެއިން 31 ޕަސަންޓް ސާމްޕަލް ޕޮޒިޓިވްވެފައި ވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. މިއީ ޓެސްޓު ކުރި މީހުންގެ 7 ޕަސަންޓެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއީ ފްލޫ ކްލިިކުން ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާނަމަ އޭގެ މާނައަކީ މާލެ ސަލަރައްދުގައި އަނެއްކާވެސް ބަލި ފެތުރުން އަވަސް ވެފައިވުން ކަމަށް ވާތީއެވެ. ފްލޫ ކްލިނިކުން ދެނެގަނެވެނީ އެއް ކޭސް އަނެއް ކޭސްއާ ގުޅުން ނެތް ކޭސްތަކެވެ.
ފްލޫ ކްލިނިކާއި ކޮންޓެކްޓް ޓްރޭސިން އަދި ރެންޑަމް ސާމްޕަލިންގެ ހިމެނޭ ގޮތަށް މުޅި ރާއްޖެއިން މިމަހު ނެގި ސާމްޕަލް ތަކުގެ ނަތީޖާތަކަށް ބަލާލާއިރު، ޕޮޒިޓިވް ރޭޓް އުޅެނީ 2.8 ޕަސަންޓުގައެވެ. އެއީ 21145 ޕާމްޕަލްގެ ތެރެއިން 605 ސާމްޕަލް ޕޮޒިޓިވްވުމެވެ. އޭގެ ތެރެއިން ވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 383 މީހުންނެވެ.
ކޮވިޑް ބަލީގައި މުޅި އެކު ރާއްޖެއިން 43 މީހަކު ނިޔާވެފައިވާއިރު، އޭގެ ތެރެއިން 5 މީހަކު ނިޔާވީ މިމަސް ތެރޭގައެވެ.
ތަނެއްގައި ކޮވިޑްގެ ހާލަތު ގޯސްވާ ކަމަށް ކަނޑައަޅަނީ އެތަނެއްގައި ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދާއި، ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވާ އަދަދާއި، ހޮސްޕިޓަލް ބެޑް ކެޕޭސިޓީގެ އަދަދަށް ބަލައެވެ. މިހާރުގެ ނަންބަރުތަކުން ހާލަތު ގޯސްވަމުން ދާ ކަމުގެ ނިޝާންތައް ފެންނަމުން ދާއިރު، ސިއްހީ މާހިރުން ދަނީ ރާއްޖެއަށް ކޮވިޑް-19ގެ 3 ވަނަ ރާޅެއް އައިސްފިނަމަ ސިއްހީ ނިޒާމަށް ނުކަތާނެ ކަމަށެވެ.