ހއ. ކެލާގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނީ، ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ކެލާގައި ޓޫރިސްޓް ހޮޓެލްއެއްއަޅާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ވާޗުއަލްކޮށް ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވުމަށްފަހު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުުރު ފަހު 2:00 ގެ ކުރިން [email protected] އީމެއިލަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި އެފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް އެޕްލިކޭޗަނެއް ހުށަހަލާން ޖެހެއެވެ. އެ ގޮތުން ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބެން ހުންނާނެއެވެ. އަދި ބީލަން ފޮތް ލިބޭނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އާ ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމް، ވޭލާނާގެ، 5 ވަނަ ފަންގިފިލާ، ރިސެޕްޝަނުންނެވެ.

އަދި ކެލާގައި ހޮޓެލް އެޅައި ހިންގުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެދެއެވެ.