ނިއު ނޯމަލްގައި ކޯޓުތަކާއި އިދާރާތަކުން އަމަލުކުރަން ޖެހޭ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނެރެފައިވާ ބަޔާނެއްގައި ބުނީ ކޮވިޑް ރޯގާގެ އާ އާންމުހާލަތު (ނިއު ނޯމަލް) ގައި ޝަރުއީ ކޯޓުތަކާއި އިދާރާތައް މަސައްކަތްކުރުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  1. ކޮވިޑް-19 އާއި ގުޅިގެން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ހައި ރިސްކު ފަރާތްތައް ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު ކޯޓު / އިދާރާތަކަށް ނިކުމެ މަސައްކަތް ކުރުމަށާއި، އެގޮތުން މުވައްޒަފުން މަސައްކަތަށް ނެރުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުން.
  2. ކޯޓު / އިދާރާގެ ޖާގައިގެ ދަތިކަމުން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މުވައްޒަފުން މަސައްކަތަށް ނެރުމަށް ދަތިވާފަދަ ހާލަތެއް މެދުވެރިވާނަމަ ދަންފަޅި އުސޫލަށް މަސައްކަތްތައް ބަހައި ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑީގައި މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  3. އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި، އެޑިޕާޓްމަންޓުން ނިއު ނޯމަލްގައި އަމަލުކުރުމަށް އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން.
  4. ކޮވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ދެމުން ގެންދިޔަ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއެކޭވެސް އެއްގޮތަށް ދެމުން ގެންދިއުން.
  5. ކޮވިޑަށް ޝައްކު ކުރެވިގެން ޓެސްޓް ހަދައި ނަތީޖާ ލިބިފައި ނުވާ ފަރާތްތަކާއި، ނުވަތަ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވުމާއި ގުޅިގެން ވަކި މުއްދަތަކަށް އެކަހެރިވުމަށް، ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ތީމުގެ އެފަރާތެއް ދިރިއުޅެމުން ގެންދިޔަ އިމާރާތް ކަރަންޓީން ކޮށްފައިވާކަން ބަޔާންކޮށް ސިއްހީ ހިދުމަތްދޭ ފަރާތަކުން ނުވަތަ އެނޫންވެސް ކަމާއި ގުޅުންހުރި ރަސްމީ އިދާރާއަކުން އަންގަފައި ވާނަމަ އެމުއްދަތަކަށް އެފަދަ މުވައްޒަފުންނަން ގެއިން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  6. އަދި އެ މުވައްޒަފެއްގެ މަސައްކަތުގެ ބާވަތުން ގޭގައި މަސައްކަތް ނުކުރެވޭފަދަ މުވައްޒަފުންނަށް އެފަދަ ހާލަތުގައި ހާއްސަ ޗުއްޓީއެއް ހަމަޖެއްސުން.
  7. މަގްބޫލު ސަބަބެއް އޮވެގެއިން މަސައްކަތް ކުރުމަށް ހަމަޖެއްސޭ މުވައްޒަފުންގެ މަސައްކަތްތައް އެމުވައްޒަފެއްގެ ސުޕަވައިޒަރު ގަވައިދުން ދުވަހުން ދުވަހަށް މޮނިޓާ ކުރުމަށާއި، މުވައްޒަފާ ހަވާލުކުރެވޭ މަސައްކަތް ފުރިހަމަކުރާ މިންވަރާއި، މަސައްކަތުގައި ހޭދަކުރާ ވަގުތު ވަޒަން ކުރެވޭނެ ގޮތަކަށް ހަފްތާއަކު އެއްފަހަރު އެފަދަ މުވައްޒަފުންގެ ހަފްތާގެ މަސައްކަތުގެ ސްޓޭޓަސް ރިޕޯޓް އެކޯޓެއް ނުވަތަ އިދާރާގެ އެޗްއާރު ސެކްޝަނަށް ހުށަހެޅުން.
  8. އެއްވެސް ސަބަބަކާ ހުރެ، ގެއިން މަސައްކަތް ކުރުމުގެ ހުއްދަ ދެވިފައިވާ މުވައްޒަފަކާއި، ހަވާލުކުރެވިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމުގައި ދަތިތައް ދިމާވާނަމަ، ނުވަތަ ސުޕަވައިޒަރު ކަނޑައަޅާ ޑެޑްލައިން ތަކަށް މަސައްކަތް ނިންމުމުގައި ދަތިވާ ނަމަ އޮފީހަށް ހާޒިރުވެ މަސައްކަތް ސްޕަވައިޒަރު ހަމަޖެއްސުން.
  9. މުވައްޒަފަކަށް އިތުރުގަޑި ދޭންވާނީ ކޮންމެ ދުވަހަކުވެސް އެމުވައްޒަފު ހިދުމަތް ކުރުމަށް ކަނޑައެޅިފައިވާ 6 ގަޑި އިރު ހަމަކުރުމަށް ފަހު އިތުރުވާ ވަގުތަށް ކަން.

ހުރިހާ ކޯޓުތަކާއި އިދާރާ ތަކުންވެސް އެ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއްދީ އެ އުސޫލުގެ މަސައްކަތްތައް އިންތިޒާމު ކުރުމަށްވެސް ޖޭއެސްސީ ވަނީ އެދިފައެވެ.