ކޮވިޑާ ގުޅިގެން މަސައްކަތް ކުރާ ފްރޮންޓްލައިންގައި މަސައްކަތް ކުރާ 2,900 އަށް ވުރެ ގިނަ މީހުންނަށް ފްރަންޓްލައިން އެލަވަންސް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޕްރޮންޓްލައިންގައި މަސައްކަތްކުރާ 2948 ފަރާތަކަށް ޖުމްލަ 33.5 މިލިއަން ރުފިޔާ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިން ދޭން ނިންމާފައި ވަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކު ކެޓަގަރީ، މީޑިއަމް ރިސްކު ކެޓަގަރީ، އަދި ލޯ ރިސްކު ކެޓަގަރީއެވެ.

އެގޮތުން ހައި ރިސްކް ވޯކަރުންގެ ގޮތުގައި ބަލަނީ ބަލި ހުންނަ މީހުންނާ ސީދާ ގޮތުން ބައްދަލުވެ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި އާރްއާރް ޓީމްތަކުގެ މެމްބަރުންނާއި ލެބް ޓެކްނީޝަނުން އަދި ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

މީޑިއަމް ރިސްކް ވޯކަރުންނަކީ ހައި ރިސްކް ވޯކަރުންނާއި އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. އަދި ލޯ ރިސްކް ވޯކަރުންނަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކުރާ ފަރާތްތަކެވެ.

ހައިރިސްކު ވޯކަރުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. މީޑިއަމް ރިސްކު ވޯކަރުންނަށް ދުވާލަކަށް ދިނުމަށް ނިންމާފައި ވަނީ 250 ރުފިޔާއެވެ. އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ ވޯކަރުންނަށް ދޭން ނިންމާފައި ވަނީ ދުވާލަކަށް 200 ރުފިޔާއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާ މިދަނޑިވަޅުގައި އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް ގިނަ ބަޔަކު ވަނީ ވަޒީފާ ގެއްލި ނުވަތަ މުސާރަ ކުޑަ ވެ އާމްދަނީއަށް ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މިފަދަ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އަދި ކޮވިޑް އާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.