ގްލޯބަލްޑޭޓާގެ ރެކޯޑްތައް ދައްކާ ގޮތުން ޓައިޕް ވަން ޑައިބީޓީޒް (ޓީވަންޑީ) ތަހައްމަލު ކުރަމުންދާ، ގާތްގަނޑަކަށް، 3.7 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން ދެއެވެ. 2025 ވަނަ އަހަރު އަންނައިރު، މި އަދަދު، 4.3 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ޓައިޕް ޓޫ ޑައިބީޓީޒް (ޓީޓޫޑީ) ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު، ގާތްގަނޑަކަށް 49.7 މިލިއަންގައި އުޅޭއިރު، 2025 ވަނަ އަހަރު އަންނައިރު، މި އަދަދު، 54.4 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

އދގެ ރެކޯޑްތަކަށް ބަލާއިރު 2014 ވަނަ އަހަރު، ދުނިޔގެ އެކި ކަންކޮޅުތަކުގައި ހަކުރު ބަލި ތަހައްމަލު ކުރި މީހުންގެ އަދަދު 422 އަށް އަރައެވެ. 1980ގެ އަހަރުތަކުގައި މި އަދަދު އުޅުނީ 108 މިލިއަންގައެވެ. ތަސައްރަފު ފުދިފައިވާ މީހުންގެ އާބާދީއަށް ބަލާއިރު، ހަކުރު ބަލި ޖެހޭ މީހުންގެ ނިސްބަތް ވަނީ 4.7 ޕަސެންޓް އިން 8.5 ޕަސެންޓަށް، މިމުއްދަތުގައި އިތުރުވެފައެވެ. ފާއިތުވީ 10 އަހަރެއްހާ ދުވަހަށް ބަލާއިރު، ހަކުރު ބަލި އެންމެ އާންމު ވެފައި ވަނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައެވެ.

ހަކުރު ބަލި ޖެހިފައި ވޭތޯ ގަވައިދުން ޓެސްޓު ކުރުން މުހިންމު / ފޮޓޯ: ނިއުސް18

ހަކުރު ބައްޔަކީ ލޯ އަނދިރިވުމާ، ކިޑްނީ ފެއިލްވުމާ، ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމާއި ފައި ބުރިކޮށްލަން ޖެހުން ފަދަ ދިގުމުއްދަތުގެ ހިތްދަތި ވޭންތަކާ ކުރިމަތިކުރުވާ ބައްޔެކެވެ. ފައިދާހުރި ކާނާ ބޭނުން ކުރުމާއި، ޖިސްމާނީ ހެލިފެލިވުން އިތުރު ކުރުމާ، ދުންފަތުގެ ބާވަތްތަކާ ދުރުވުމަކީ ޓައިޕް ޓޫ ޑައިބީޓީޒްއިން ދުރުކޮށްދޭނެ ނުވަތަ އެ ބައްޔަށް ހުށަހެޅުން ލަސްކޮށްދޭނެ ކަމެކެވެ. ކުރިން ހީވެފައި އޮންނަ ގޮތާ ހިލާފަށް، ހަކުރު ބައްޔަކީ ފަރުވާ އާ، މަސައްލަތުން ކޮންޓްރޯލް ކުރެވޭ ބައްޔެކެވެ. ހަކުރު ބަލީގެ ސަބަބުން ދެން ކުރިމަތިވާ ހިތްދަތި ވޭންތައް ކުޑަކުރެވެއެވެ. މިކަމަށް ބޭނުންވަނީ ގަވައިދުން ސްކްރީން ކުރުމާ، ފަރުވާ ހޯދުމެވެ.

ދުނިޔޭގެ ފެންވަރުގައި، ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހަކީ ހަކުރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް އދގެ އާންމު މަޖިލީހުން ފާސް ކުރީ 2007 ވަނަ އަހަރުއެވެ. އާންމު މަޖިލީހުން ފާސްކުރި ގަރާރު ނަމްބަރު 61/225 އަކީ، ހަކުރު ބައްޔާ ދެކޮޅަށް ގައުމީ ފެންވަރުގައިވެސް ސިޔާސަތުތައް އެކުލަވާލުމަށް މެމްބަރު ގައުމުތަކަށް ލާޒިމު ކުރި ގަރާރެކެވެ.

ހަކުރު ބަލި ޖެހުމަށް ފަހު ސިއްހީ ތަޖުރިބާކާރުންގެ އެހީ ގަވައިދުން ހޯދުން މުހިންމު / ފޮޓޯ: ނެޗުރަލް ތެރަޕީ ޕޭޖަޒް

ތަފާތު ދައްކާނީ ނަރުހުން

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައި ވަނީ "ނަރުހާއި ހަކުރު ބަލި" މި ޝިއާރެވެ. މި ކެމްޕޭންގެ މައިގަނޑު އަމާޒަކީ، ހަކުރު ބަލީގެ ތަކުލީފުތައް އުފުލަމުން ދާ މީހުންނަށް އެއްބާރުލުން ދިނުމުގައި ނަރުހުން އަދާ ކުރަމުންދާ އަދި އަދާ ކުރެވިދާނެ މުހިންމު ދައުރުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފައުޖުގެ، ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ހިއްސާ ކުރަނީ ނަރުހުންނެވެ. ސިއްހީ ކޮންމެ ކަމެއްގައިމެ އެންމެ ހަރަކާތްތެރި ދައުރެއް އަދާ ކުރާ ބަޔަކީވެސް ނަރުހުންނެވެ. ހަކުރު ބަލީގެ ނުރައްކަލުގައި ދިރިއުޅޭ މީހުންނަށް ނަރުހުންގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އެހެންކަމުން، މި ރޮނގުން ނަރުހުން ތަމްރީނު ކުރުމަށް ސަރުކާރުތަކުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައި ވާ ކަން، ބައިނަލްއަގުވާމީ މުޖުތަމައުން ފާހަގަ ކުރެއެވެ.

ހަކުރު ބަލި ޖެހިފައި ވޭތޯ ގަވައިދުން ޓެސްޓު ކުރުން މުހިންމު / ފޮޓޯ: ސްޕާ ޑެންޓަލް

ނަރުހުންގެ އަދަދު ގިނަ ކަމުގައި ހީވި ނަމަވެސް، ސިއްހީ ބޭނުންތަކަށް ހިދުމަތް ކުރަން ތިބި ނަރުހުންގެ އަދަދު ދަށެވެ. 2030 ވަނަ އަހަރު އަންނައިރު ނަރުހުންނަށް އޮންނަ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، ނަރުހުން ތަމްރީނު ކުރާ މިންވަރު، އަހަރަކު 8 ޕަސެންޓް އިތުރު ކުރަން ޖެހެއެވެ.

ހަކުރު ބައްޔަކީ ކޮބާ؟

ހަކުރު ބަލި ޖެހުމޭ ބުނެވެނީ ލޭގައި ދައުރުވާ ހަކުރުނުވަތަ ގްލޫކޯޒް ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރުމުންނެވެ. އެހެންކަމުން ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވެސް ބުނެވިދާނެއެވެ.

ހަކުރު ނުވަތަ ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަސްދަރެވެ. ހަކުރު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެއް ކަމަކު، މިއީ ވާރުވާ ބައްޔެކެވެ. އަދި މިއީ ޖަރާސީމަކުން ފެތުރޭ ބައްޔެއް ވެސް ނޫނެވެ. ހަކުރު ބައްޔަކީ މުޅިން ރަގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.

ހަކުރު ބަލި ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ހެލްތްލައިން

ހަކުރު ބަލި ޖެހެނީ ހަކުރު ކޮންޓްރޯލް ކުރުމަށް ހަށިގަނޑުގެ ޗިސްމޭ އިން އުފައްދާ އިންސިއުލިންގެ ތާސީރު މަދުވުމުން ނުވަތަ މަސައްކަތް ނުކުރާގޮތް ވުމުންނެވެ. އެހެންކަމުން މިއީ ލޭގައި ހަކުރުގެ މިންވަރު ރެގިއުލޭޓް ކުރާ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސިއުލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެއް ކަމަށް ވެސް ބުނެވިދާނެއެވެ. އިންސިއުލިން އުފައްދައި ނުދިނުމުން، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު މަތިވެ، ހަކުރު ބަލި ކުރިމަތި ކުރުވަނީ އެވެ.

ހަކުރު ބަލީގެ ފާހަގަ ކުރެވިފައިވަނީ މައިގަނޑު ދެވައްތަރެކެވެ. ފުރަތަމަ ވައްތަރަކީ އިންސިއުލިން އިންޖެކްޝަން އަބަދުވެސް ދޭންޖެހޭ ނުވަތަ ޖަހަންޖެހޭ ހަކުރު ބައްޔެވެ. އަނެއް ވައްތަރަކީ އިންސިއުލިން އިންޖެކްޝަން އަބަދަށް ބޭނުންނުވާ ހަކުރު ބައްޔެވެ.

އުރުދުންގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ ހަކުރު ބަލީގެ ޕޭޝަންޓެއް އިންސިއުލިން ޝޮޓެއް ސިރިންޖަށް ނަގަނީ/ފޮޓޯ: ޑަބްލިއުއެޗްއޯ

ހަކުރު ބަލި ޖެހިފައިވާކަން އެނގޭ ހިސާބުން ފެށިގެން ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ކަންތައްތަކަށް ސަމާލުކަން ދޭން ޖެހެއެވެ. ގަވައިދުން ޑޮކްޓަރަށް ދައްކައިގެން ބޭސް ބޭނުން ކުރުމުގެ އިތުރުން ކަސްތުރު ކުރުމާއި، ކެއިން ބުއިމުގެ އާދަތަކަށް ބަދަލު ގެނައުމާއި، ފިކުރު ބޮޑުވުމާއި ހާސްކަމާ ދުރުހެލިވުމާއި، ދުންފަތުގެ ބާވަތްތަކުން ދުރުވުމާއި، ބަރުދަން ކޮންޓްރޯލް ކުރުމާ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމާއި، ސާފު ތާހިރު ކަމަށް ސަމާލުކަން ދިނުން މުހިންމެވެ. ވަކިން ހާއްސަކޮށް، ފައިތިލައިގެ ސާފު ތާހިރުކަމާއި، އަންގައިގެ ސާފު ތާހިރު ކަމަށް ސަމާލުވާންޖެހެއެވެ.