ޓެރަރިޒަމް އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކަން ހުއްޓުވުމަށް މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން މާލެ ސަރަހައްދުން ހައްޔަރު ކުރި 4 މީހުންނާއި ތިމަރަފުށިން ހައްޔަރު ކުރި 2 މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދަށް މުއްދަތު ޖަހާފައިވާ ކަަމަށެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ރެއިން ފެށިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ އުމުރުން 31 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި ހަ މީހުންގެ ތެރެއިން އުމުރުން 18 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް 5 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބާކީ ތިބި އެންމެންގެ ބަންދުގެ މުއްދަތަށް ވަނީ 15 ދުވަސް ޖަހާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަން ދަނީ ތިން ސަރަހައްދެއްގައި ހިންގަމުންނެވެ. އެއީ ތިމަރަފުއްޓާއި މާލެއާއި މާލެ ސަރަހައްދު ކަނޑުމަތީގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާތަނަށް އައިރު ފުލުހުން ވަނީ ޖުމްލަ 6 މީހަކު ހައްޔަރުކޮށްފައެވެ. އެއީ މާލެއިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހެއްގެ އިތުރުން ތިމަރަފުށިން 2 މީހަކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުމަތިން ހައްޔަރު ކުރި ތިން މީހުން ތިބީ ލަނޑާ ނަގާ ދޯންޏެއްގައެވެ. އަދި އެ ދޯނީގައި ތިމަރަފުއްޓަށް ނިސްބަތް ވާ ބަޔަކު ތިއްބެވެ. އަދި ތިމަރަފުށިން ހައްޔަރު ކުރި މީހުންގެ ތެރޭގައި އެރަށު އެއާޕޯޓުގެ ޕަވާ ހައުސްގައި ވަޒީފާ އަދާކުރަމުންދާ މީހެއް ހިމެނެއެވެ.