ޓެރަރިޒަމް މައްސަލައަކާ ގުޅިގެން ފުލުހުން ހިންގަމުން ދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ތ. ތިމަރަފުށިން އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވަނީ މީގެ ކުރިން ތިމަރަފުށިން މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް ބުނެފައެވެ. އަދި މިހާރު ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް ފުލުހުން ހިންގަމުން ދާ ހާއްސަ އޮޕަރޭޝަންއާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުއްޓަށް މިރޭ ފުލުހުންގެ ޓާސްކް ފޯހެއް އަރައި އެރަށުގެ ގެތައް ދަނީ ބަލައި ފާސް ކުރަމުންނެވެ. އަދި މިހާތަނަށް އެ ރަށުން ގިނަ ގެތަކެއް ބަލައި ފާސްކޮށްފައި ވާ އިރު އެ ރަށުން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އަމަލު ހުއްޓުވައި ބަޔަކު ހައްޔަރުކޮށް އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ކަަމަށެވެ. އެގޮތުން ފުލުހުން ހަރަކާތްތެރި ވަމުން ދަނީ މާލެއާއި މާލެ އަތޮޅު ކަނޑުމަތި އަދި ތ. ތިމަރަފުށީގައި ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 6 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެއީ މާލެއިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހެއްގެ އިތުރުން ތިމަރަފުށިން 2 މީހަކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުމަތިން ހައްޔަރު ކުރި ތިން މީހުން ތިބީ ލަނޑާ ނަގާ ދޯންޏެއްގައެވެ. އަދި އެ ދޯނީގައި ތިމަރަފުއްޓަށް ނިސްބަތް ވާ ބަޔަކު ތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެ ރަށަށް މިއަދު ފުލުހުންގެ ހާއްސަ ޓާސްކް ފޯހެއް އަރާފައި ވަނީ އިރުއޮއްސި 6:30 ހާއިރެވެ. އެރަށަށް ތިން ލޯންޗެއްގައި ގިނަ އަދަދެއްގެ ފުލުހުން ގޮސް ވަނީ ހަރަކާތްތެރި ވާން ފަށާފައެވެ. އެ ގޮތުން ހަރުކަށި ފިކުރުގެ ކަންކަމާ ގުޅިގެން ޝައްކު ކުރެވޭ 15 ގެއެއް މިހާރު ފާސްކުރަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.