ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް ކުރާ މަސައްކަތުގައި ތ. ތިމަރަފުއްޓަށް ފުލުހުން އަރައި އެރަށުގެ ގިނަ ގެތަކެއް ބަލައި ފާސްކުރަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށަށް މިއަދު ފުލުހުންގެ ހާއްސަ ޓާސްކް ފޯހެއް އަރާފައި ވަނީ އިރުއޮއްސި 6:30 ހާއިރެވެ. އެރަށަށް ތިން ލޯންޗެއްގައި ގިނަ އަދަދެއްގެ ފުލުހުން ގޮސް ވަނީ ހަރަކާތްތެރި ވާން ފަށާފައެވެ. އެ ގޮތުން ހަރުކަށި ފިކުރުގެ ކަންކަމާ ގުޅިގެން ޝައްކު ކުރެވޭ 15 ގެއެއް މިހާރު ފާސްކުރަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން މިހާތަނަށް އެރަށުން 6 ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އެ ރަށުން އެކަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެރަށުން ހައްޔަރު ކޮށްފައި ވާ މީހަކީ މާލެއިން އެ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު 2 ހަފްތާ ވެފައިވާ މީހެއް ކަމަށް މައުލުމާތު ލިބެއެވެ. އަދި އެއީ ތިމަރަފުށީ މީހެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިހާރު އޭނާގެ ފޯނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އަމަލު ހުއްޓުވައި ބަޔަކު ހައްޔަރުކޮށް އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ކަަމަށެވެ. އެގޮތުން ފުލުހުން ހަރަކާތްތެރި ވަމުން ދަނީ މާލެއާއި މާލެ އަތޮޅު ކަނޑުމަތި އަދި ތ. ތިމަރަފުށީގައި ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 5 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހެއްގެ އިތުރުން ތިމަރަފުށިން މީހަކެވެ.

ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ފަރާތްތަކާއި އެފަދަ ފަރާތްތަކުން ކުރަމުން ދާ މަސައްކަތަކުގެ ވާހަކަތައް ހޫނު ގަދަކޮށް ދެކެވެމުން އަންނަ މި ދުވަސްވަރުގައި އެފަދަ މީހުން ގިނަ ވަމުންދާ ބައެއް ރަށްރަށް އަންނަނީ ފާހަގަ ކުރެވުމުންނެވެ. އެގޮތުން 2900 މީހުންގެ އާބާދީއެއް އޮތް ތ. ތިމަރަފުއްޓަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ބުނާ ރަށެކެވެ.

މީގެ ކުރިން މިފަދަ މީހުން އުޅޭ ރަށެއްގެ ގޮތުގައި ފެނި ފުލުހުންގެ ހާއްސަ ޓާސްކް ފޯސް އަރާފައި ވަނީ ރ. މަޑުއްވަރީއަށެވެ. މަޑުއްވަރީއަށް ފުލުހުން އަރާ ވަނީ ގެތައް ބަލައި ފާސްކޮށް ބަޔަކު ހައްޔަރު ކޮށްފައެވެ.