އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" މިއަދު ހުޅުވައިފިއެވެ.

ޖުމްހޫރީ ދުވަހާ އަމާޒުކޮށް މިއަދު އެ ޕާކު ހުޅުއްވައިދެއްވީ އެތަނުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު އުމަރު ޒާހިރެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ބައިވެރިވެވަޑައިގެންނެވިއެވެ.

ލޮނުޒިޔާރަތް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެޕާކު ތަރައްގީ ކޮށްފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ.

އެ ޕާކުގައި ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނެއެވެ. މީގެ އިތުރުން 300 އަށްވުރެ ގިނަ ބެންޗާއި، ދުވާ ޓްރެކްއަކާއި ބައިސްކަލު ދުއްވޭ ލޭނެއްވެސް އެޕާކުގައި ހިމެނެއެވެ.