މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ބައްދަލު ކުރައްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި އެ ބައްދަލުގައި އިންޑިއާއާއި ރާއްޖެއާ ދެމެދުގައި ވާ ގުޅުމާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަ ދެއްކިއެވެ.

އޭގެ އިތުރުން އިންޑިއާ އާއި ރާއްޖޭގެ މެދުގައި ވާ ގުޅުމުގެ ބިންގާ ވަރުގަދަ ކުރުމަށް ރައީސް މައުމޫނު ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކުރައްވާ ރާއްޖެ އާއި އިންޑިއާ އާ ދެ ގައުމުގެ ދެމެދުގައި ވާ ބައިލެޓަރަލް ގުޅުމަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނެވުމަށް ރައީސް މައުމޫންގެ އަރިހު ފޮރިން ސެކްރެޓަރީ އެދިވަޑައިގެންނެވިއެވެ.

ރައީސް މައުމޫނުގެ އިތުރުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަނާ ވެސް ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައި ރައީސް ވަހީދު ވަނީ އިންޑިޔާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުގައި ވަނީ އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވެސް ވަނީ ކުރައްވާފައެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތީ މިމަހުގެ އަށް ވަނަ ދުވަހެވެ. މިއީ ހަރްޝް ވަރްދާން ޝްރިންގްލާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ ޖެނުއަރީ 29، 2020 ގައި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.