ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރަށް ކުރާ ދެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު އެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އާޒިމާގެ ވަކީލުންގެ ޓީމުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

އާޒިމާގެ ވަކީލުންގެ ޓީމުގެ ފަރާތުން، މަރިޔަމް ނިހާޔަތާއި އާއިޝަތު ފަޒްނާ އަހުމަދާއި އަލީ ސައީދު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ދެ މައްސަލައިން ފަނޑިޔާރު ތަނާޒުލްވެ ވަޑައިގެންފައި ވަނީ މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލް ވުމަށް އޮންނަ ގާނޫނީ ޖާގައިން ބޭރުން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ތަނާޒުލް ވެވަޑައިގަތުން ކްރިމިނަލް ކޯޓުން ބަލައިގެންފައި ވަނީވެސް ގާނޫނީ އުސޫލުން ބޭރުން ކަމަށް ގަބޫލުުރައްވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމީ އެ ދެ މައްސަލަ ބައްލަވާތާ އަހަރެއްހާ ދުވަސް ވެ، އެތައް އަޑުއެހުމެއް ބާއްވާފައި ވަނިކޮށް، އަދި މައްސަލައިގެ ޝަރީއަތުގެ ކުރީން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމައި މައްސަލަ ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ބޯމަތިވެފައި ވަނިކޮށް މައްސަލައިގެ ފަނޑިޔާރު، ގާނޫނީ އުސޫލުން ބޭރުން މައްސަލައިން ތަނާޒުލުވުމުން ކަމަށެވެ.

އަދި ގާނޫނީ އުސޫލުން ބޭރުން އެކަން ގަބޫލުކުރައްވައި އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލުކުރެއްވުމުން އެ މައްސަލައިގައި އެހެން ނުފޫޒެއް ފޯރާފައި ވާކަމާއި އަދި މިނިވަންކަން ގެއްލިފައި ވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރަން ޖެހޭތީ ކަމަށް އާޒިމާގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަން ކުރެވިފައިވާ ގޮތުން ފަނޑިޔާރުންނަކީ އެބޭފުޅުން ބައްލަވާ މައްސަލަތައް pick and choose (އަމިއްލައަށް އިހުތިޔާރު ކުރުމުގެ ބާރު) ލިބިދީފައިވާ ބައެއް ނޫނެވެ. މީގެ އިތުރުން އެބޭފުޅުން ބައްލަވާ މައްސަލަތަކުން ވަކި ހަމަތަކަކުން މެނުވީ ތަނާޒުލްވެވަޑައިގެން މައްސަލަ ދޫކޮށްލައި އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގެ ބާރު ލިބިފައިވާ ބައެއްވެސް ނޫނެވެ. އެކަމުގެ ބޭނުމަކީ މައްސަލަތަކުގައި ހިމެނޭ ޚަސްމުންގެ ހައްގުތައް ހިމާޔަތްކޮށް މިނިވަންކަމާއި ވަކި ފަރާތަކަށް ބުރަ ނުވެ މައްސަލަތައް ކުރިޔަށް ގެންދިއުން ޔަގީންކުރުމާއި އަދި ފަނޑިޔާރުންގެ މަސައްކަތް ކުރައްވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިކަން ޔަގީން ކުރުމެވެ.
އާޒިމާގެ ވަކީލުން

އާޒިމާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. ކުރިމިނަލް ކޯޓުގައި ކުރިއަށް ދާ އެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި ހެކީގެ ގޮތުގައި ރައީސް ޔާމީނުގެ ނަންފުޅުވެސް ދައުލަތުން ހުށަހަޅަފައި ވެއެވެ. ޔާމީންގެ ވަކީލުކަން ވެސް ކުރިން ކުރެއްވި އާޒިމާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޔާމީންގެ ނަންފުޅު ހުށަހަޅާ ވާފައިވާ އިރު، އާޒިމާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވަނީ ވެސް ރައީސް ޔާމީނަށް ތުހުމަތުވާ މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށް ދެއްވާފައި ވަނީ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. އަދި އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ އޭސީސީން ބަލަމުން ދަނިކޮށް، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ ގާނޫނީ ލަފާ ދެއްވީ އާޒިމާ ކަމަށް ޕީޖީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.