ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް، ގައުމުތަކުން ލޮކްޑައުންގެ އަމުރުތައް ތަންފީޒު ކުރަމުންދާއިރު، މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުން ގަސްތުގައި، ނުވަތަ އިހުމާލުން އަނިޔާ ލިބޭ ތުއްތު އަދަދު ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް އިނގިރޭސިވިލާތުގައި އިތުރު ވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފއެވެ.

އިނގިރޭސިވިލާތުގެ އިސްތިގުލާލީ ސްޓޭޓްތަކުގައި ތެރޭގައި ހިމެނޭ އިންގްލަންޑްގައި ދެވަނަ ލޮކްޑައުންއެއް އިއުލާން ކޮށްފައި ވާއިރު، މި ކަމުގެ ސަބަބުން، އެންމެ ނާޒުކު ހާލުގައި އޮތް އުމުރުގެ ފުރާގެ ކުދިންނާ ކުރިމަތިވެފައި ވާ ބިރާ މެދު ވިސްނާލަންޖެހެއެވެ. މިއީ އިންގްލަންޑްގެ ވާހަކަ ކަމުގައި ވީ ނަމަވެސް، މިއީ ހަމަ ކޮންމެ މުޖުތަމައަކުންވެސް ވިސްނާ، ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

ހޮސްޕިޓަަލަކަށް އަލަށް އުފަންވި ކުދިންގެ ތެރެއިން އާދަޔާ ހިލާފަށް ބިޔަ ތުއްތު ކުއްޖެއް/ފޮޓޯ: އެންވައިޕީ

ބޮޑު މީހެއްގެ، ވަކިން ހާއްސަކޮށް އެކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ފަރާތުން ލިބޭ އަނިޔާއެއްގައި ތުއްތު ކުއްޖަކު މި ދުނިޔެ ދޫކުރާ ހަބަރަކީ، އަޑު އަހާލަން، އެއްވެސް އިރެއްގައި މާ ފަސޭހަ ހަބަރެއް ނޫނެވެ. ނަމަވެސް، މި އަދަދުތައް އިންގްލަންޑްގައި ދަނީ އިތުރު ވަމުންނެވެ. ސަބަބެއް ކަމަށް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާއެވެ.

ލޮކްޑައުންއަކީ ދިވެހިންނަށްވެސް މިއަދު އާ ކަމަކަށް ނުވާނެއެވެ. ގޭގައި ތިބެގެން ވަޒީފާގެ ޒިންމާ އަދާކުރަން ޖެހޭއިރު، ވަކިން ބުރައެވެ. ބައްދަލުވުންތައް އޮންލައިން ޕްލެޓްފޯމަށް ބަދަލުވެ، އަދަދު އިތުރުވެ، ވަގުތު ދިގުލާދެއެވެ. އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން އަދި އޮތީއެވެ. ގޭތެރެ ސާފު ކުރުމާއި، ކެއްކުމާއި، ދަރިންނާއި އާއިލާ މެމްބަރުންގެ ކަންކަން ފުރިހަމަ ކުރުމާއި، 24 ގަޑިއިރު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންތިހާއަށް މާޔޫސް ވަމުންދާ އާއިލީ މެމްބަރުންނާ ޖެހޭ މައްސަލަތައް ހައްލު ކުރުމަށް ނަފްސު ހަފުސްކޮށްލަންޖެހެއެވެ. ލޮކްޑައުންއަކީ އާއިލާ މެމްބަރުންނާއެކު ވަގުތު ހޭދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ބުނެ، ބައެއް ފަރާތްތަކުން އެ ފިކުރު ޕްރޮމޯޓް ކުރަމުން ދާއިރު، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ދިރިއުޅުން ވިއްސިވިހާލިވި މީހުންގެ އަދަދުވެސް މަދެކޭ ނުދެންނެވޭނެއެވެ.

މޫދު ކައިރީގައި އުޅޭ ކުޑަ ކުއްޖެއް / ފޮޓޯ: އދ

އިގުތިސޯދި ހީނަރުވެ، ވަޒީފާ ގެއްލި، އިތުރު މާޔޫސް ކަމާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު އިންގްލަންޑްގައިވެސް މަދެއް ނޫނެވެ. މިއާއެކު، ސީރިއަސް އަނިޔާ ލިބޭ ތުއްތު ކުދިންގެ އަދަދުވެސް މަދެއް ނުވެއެވެ. މިއަހަރުގެ އޭޕްރިލް މަހާއި އޮކްޓޯބަރު މަހާ ދެމެދު، އިހުމާލުން ނުވަތަ ގަސްތުގައި ކުރި އަނިޔާތަކުގެ ސަބަބުން މަރުވި ނުވަތަ ސީރިއަސް އަނިޔާ ލިބުނު ކުޑަކުދިންގެ އަދަދު 300 އަށް ވުރެ މައްޗަށް އަރައެވެ. މީގެ ތެރެއިން 120 ކުދިންނަކީ އުމުރުން އެންމެ 1 އަހަރުވެސް ނުފުރޭ ކުދިންނެވެ. މި ކުދިންގެ ތެރެއިން 64 ކުދިންނަކީ "ގަސްތުގައި" ދިން އަނިޔާއެއްގެ ޝިކާރައަކަށް ވި ކުދިންނެވެ. އާހިރު ނަތީޖާއެއްގެ ގޮތުން، މީގެ ތެރެއިން 8 ކުއްޖަކު މި ދުނިޔެ ދޫކުރި ކަމަކަށްވެސް މައުލޫމާތު ލިބެއެވެ.

އިންތިހާ ފަގީރު ހާލަތުގައި ދިރިއުޅޭ ކަމަށް ބަލާ މިންގަނޑަކީ، ދުވާލެއްގެ މައްޗަށް 1.90 ޑޮލަރު ނުލިބުން / ފޮޓޯ: މުސްލިމްހޭންޑްސް

ސަބަބުތައް ބައިވަރަވެ. ޅަ އުމުރުގައި ދަރިން ލިބިފައި ވަނިކޮށް ވަޒީފާ ގެއްލުމަކީ އެއް ސަބަބެވެ. ނަފްސާނީ ބައްޔެއް ތަހައްމަލު ކުރުމާއި، ވަޒީފާގެ ބުރަކަން ދެގުނަ ވުމާ، ފައިސާގެ ދަތިކަން ކުރިމަތިވުމާއި، ގާތް ތިމާގެ މީހުންނާ ވަކިން އުޅެން މަޖުބޫރުވުން ނުވަތަ އާއިލާ މެމްބަރުންތަކަކާއެކު އެއްތަނެއްގައި ބަންދުވުމަކީވެސް މިފަދަ ކަންކަމަށް މަގުފަހި ކުރި ސަބަބުތަކެކެވެ.

މި ކަންކަމަކީ ދިވެހި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. ތުއްތު ކުދިންނާއި ކުޑަކުދިންނާ އެކި ގޮތް ގޮތުން މުއާމަލާތު ހިންގާ ސްކޫލް އަދި ހޮސްޕިޓަލި ފަދަ ތަންތަނުން ފާރަވެރި ނަޒަރަކުން ބަލަންޖެހޭ ކަންތައްތަކެކެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުންވެސް ހާއްސަ އަހައްމިޔަތު ކަމެއް ދޭން ޖެހޭ ދާއިރާއެކެވެ. ސްކޫލް މާހައުލަކީ ބައެއް ކުދިންނަށް ލިބިދޭ ހިޔާވައްސަކަށް ވާއިރު، ކޮވިޑް-19ގެ ލޮކްޑައުންއެއްގައި ސްކޫލްތައް ވެސް ބަންދު ކުރާއިރު، އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިމާޔަތް ކަށަވަރުކޮށްދެވެން ޖެހެއެވެ.