ކ. ތުލުސްދޫގެ ގެސްޓު ހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު މިއަދު އަލުން ހުޅުވާލައިފިއެވެ.

ގެސްޓު ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ތުލުސްދޫއަށް މިއަދު ވަނީ ދެ ފަތުރުވެރިން ގޮސްފައެވެ. އެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖޭގެ ހަ އަތޮޅެއްގެ ރަށްތަކުގައި ހިންގާ 69 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދޫކޮށްފައެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް ހުއްދަ ދީފައިވަނީ ތުލުސްދޫގައި ހިންގާ ދެ ގެސްޓުހައުސް އަކަށެވެ.

ީމީގެ އިތުރުން ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފައިވާ ރަށްރަށަކީ:

  1. ނ. ފޮއްދޫ
  2. ކ. ހުރާ
  3. ވ. ފުލިދޫ
  4. ވ. ތިނަދޫ
  5. އއ. މަތިވެރި
  6. ކ. މާފުށި
  7. އއ. ތޮއްޑޫ
  8. އއ. އުކުޅަސް
  9. ކ. ގުރައިދޫ
  10. ކ.ގުޅި
  11. އއ. ރަސްދޫ
  12. ކ. ހިންމަފުށި
  13. އއ. ރަސްދޫ
  14. އައްޑޫ ސިޓީ ފޭދޫ
  15. އައްޑޫ ސިޓީ މަރަދޫ/ފޭދޫ
  16. ފުވައްމުލައް ސިޓީ

ކޮވިޑާ ގުޅިގެން ބަންދުކުރުމަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ފެށިއިރު އެ ދުވަހު ވަނީ މާފުއްޓާއި ހުރާގެ ގިނަ ގެސްޓްހައުސްތައްވެސް ހުޅުވާފައެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަތައް ދެމުންދަނީ އެޗްޕީއޭގެ ގައިޑްލައިނަށް ފެތޭ ގޮތަށް ހިދުމަތްތައް ބަދަލުކުރުމުންނެވެ. އެގޮތުން އެ ހުއްދަ ދެމުން އަންނަނީ ގެސްޓްހައުސް ހިންގަމުން އަންނަ ރަށްރަށުގައި ފްލޫ ކްލިނިކަކާއި ކަރަންޓީނު ފެސިލިޓީއެއް އަދި މީހަކު ޕޮޒިޓިވްވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ރަށްރަށަށެވެ. އަދި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފަށަން ކައުންސިލުގެ ހުއްދަވެސް ހޯދަން ޖެހޭއިރު ގެސްޓްހައުސްތައް ފެށުމާއެކު ރަށްރަށުގައި އުޅޭ މީހުން މާސްކް އެޅުން ވެސް މަޖުބޫރެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އެސްއޯޕީ އާއި ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުނުކޮށް އުސޫލާ ހިލާފުވާނަމަ، ދޫކޮށްފައިވާ ހުއްދަ ސަސްޕެންޑުކުރަން ޖެހިދާނެކަން ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގައިފައެވެ.