ދިވެހިރާއްޖެއާއި އިންޑިއާގެ ބަދަހި ގުޅުމަކީ ފަހްރުވެރިވުން ހައްގު، ދިގު ތާރީހެއް އޮތް ގުޅުމެކެވެ. މާޒީގެ ސޮފުހާތަކުގެ ކޮންމެ ބާބަކުން ހެން ފެންނަނީ ދެ ގައުމުގެ ގުޅުންތައް އާ ހަރުފަތަކަށް ތަނަވަސް ވަމުން އައިސްފައިވާ މަންޒަރެވެ. ސިޔާސީ، ޑިޕްލޮމެޓިކް، އަސްކަރީ، މާލީ، މިހެން ގޮސް، ފަރުދީ ފެންވަރުގައިވެސް ދިވެހިންނާއި އިންޑިއާގެ ގުޅުމަކީ ބާރު ގޮށަކުން ބަނދެވިފައިވާ ގުޅުމެކެވެ.

ކަން މިހެން އޮއްވާ، މި ފަހަކަށް އައިސް އިވެން ފެށީ، އަވަށްޓެރި އިންޑިއާއަށް ދިވެހި ގައުމު ވިއްކާލުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް، "އިދިކޮޅު ފިކުރުގެ" މަދު ބަޔަކު ބުނާ އަޑެވެ.

މި ބުނާ އަޑެއް ގަދަވާން ފެށީ، ހުޅަނގުގެ ކޮމިއުނިސްޓް ޗައިނާގެ މައްޗަށް ރާއްޖެ ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން ދޭދޭ ގުޅުންތައް ދަމަހައްޓާ، އަވަށްޓެރިންނާ ގުޅުން ބަދަހި ކުރަން ފެށި ހިސާބުންނެވެ.

ރާއްޖެ ވިއްކާލުމާ ދެކޮޅު ނަމުގައި ޕީޕީއެމްއިން އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި ސައިކަލް ބުރު / ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް"

އެތައް އަހަރެއް ވީ ބަދަހި ގުޅުމެއް ދަމަހައްޓަމުން އައި ގައުމަކާ މެދު ރާއްޖެއިން މިފަދަ އަޑުތަކެއް އިވެން ފަށާފައި ވާއިރު، މިކަމުގައި އިންޑިއާގެ ރައުޔަކީ ކޮބައިތޯ ދަ ޕްރެސްއިން ބަލަން ބޭނުންވިއެވެ. މި ސުވާލު، ދަ ޕްރެސްގެ ޓީމުން ކުރިމަތި ކުރީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު، ސަންޖޭ ސުދީރަށެވެ.

ދަ ޕްރެސްއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއެއްގައި ވާހަކަ ދައްކަވަމުން، "އިންޑިއާ އައުޓް" އޭ މި ގޮވާ ގޮވެލިފައްޗަށް، ހައި ކޮމިޝަނަރު ސުދީރު ދެއްވީ ވަރަށްވެސް އާދަޔާ ހިޔާފު، އެހެން ނަމަވެސް، ޑިޕްލޮމެޓިކް ޖަވާބެކެވެ.

"އެކި ދިމާދިމާލުން އެބަ ފެނޭ އިންޑިއާއައުޓް ހޭޝްޓެގް ބޭނުންކުރަތަން، ސޯޝަލް މީޑިއާގަ. ޒިންމާދާރު ކަމާއެކު ހިންގާ އާންމު މީޑިއާއަކުން ދުވަހަކުވެސް މި އަޑެއް ނީވޭ. އެކަމަކު، ސާފުކޮށްލަދޭން ބޭނުން، އިންޑިއާއައުޓް އޭ މިކިޔާ ކިއުމަކީ، އެއްވެސް ހާލެއްގައި އިދިކޮޅު ފަރާތްތަކުގެ ފިކުރު ކަމަށް އިންޑިއާއިން ގަބޫލު ނުކުރާކަން"
ސުދީރު

ސުދީރު އިތުރަށް ވިދާޅުވީ އިންޑިއާއަކީ އިދިކޮޅު ފަރާތްތަކާވެސް ގުޅުން އޮންނަ ގައުމެއް ކަމަށާ، އިދިކޮޅު ފަރާތްތަކާ މެދުވެސް އިންޑިއާއިން ދެކެނީ ގަދަރުވެރި ނަޒަރަކުން ކަމަށެވެ.

"ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން، އިދިކޮޅު ފަރާތްތަތަކީ ކިހާ މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަން އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގޭ" ސުދީރު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް" ފަލްސަފާއަކީ އިދިކޮޅު ފަރާތްތަކުގެ "ރަސްމީ" ފިކުރެއް ނޫން ކަމަށް އިންޑިއާއިން ދެކޭ އިތުރު ހުއްޖަތެއްވެސް ހައި ކޮމިޝަނަރު ވަނީ ދައްކަވާފައެވެ. އެގޮތުން، ރައްޔިތުން ތަމްސީލު ކުރުމަށް، ރައްޔިތުން އިންތިހާބުކޮށްފައިވާ މަޖިލިސް ކުރާ ގޭގެ މެމްބަރުނަކީވެސް އިންޑިއާއާ ގާތް ގުޅުންތަކެއް ދަމަހައްޓަމުން ގެންދަވާ ބައެއް ކަމަށާ، ނަމަވެސް އެއިން ބޭފުޅެއްގެ ފަރާތުންވެސް "އިންޑިއާ އައުޓް" ފިކުރު އިވިވަޑައިގެންފައި ނުވާކަމަށް ސުދީރު ވިދާޅުވިއެވެ.

ސުދީރު ވިދާޅުވާ ގޮތުގައި، ސޯޝަލް މީޑިއާއާއި އެނޫންވެސް އެފަދަ ޕްލެޓްފޯމުތަކުގައި "އިންޑިއާ އައުޓް" ފަލްސަފާގެ އަޑު ފަތުރަނީ، ސައްހަ މައުލޫމާތުން އެއްކިބާ ވެފައި ވާ މީހުންނެވެ. އެމީހުންނަކީ އެކަށީގެންވާ ސައްހަ މައުލޫމާތު ނެތް މީހުންނަށް ވެދާނެ ކަމަށާ، ހަމަ މިފަދައިން، އެ މީހުންނަކީ "ވާހަކަ ކައްކަން" އުޅޭ ބަޔަކަށް ވެދާނެ ކަމަށްވެސް ސުދީރު ވަނީ ސިފަ ކުރައްވާފައެވެ.

މި މޭރުމުން ސުދީރު ވިދާޅުވީ، ރާއްޖެއިން މިހާރު އިވެމުންދާ "އިންޑިއާ އައުޓް" ފިކުރަކީ، މާ ސީރިއަސް ކަމެއްގެ ގޮތުގައި އިންޑިއާއިން ނުދެކޭ ކަމަށެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިނގާ ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށް ދެކޭތީއެވެ.

ގިނަ ބައެއްގެ ފާޑުކިއުންތައް މި ކެމްޕޭނަށް އަމާޒުވެއެވެ. މިއީ ގައުމު ހަލަބޮލި ކޮށް، އެކުވެރި ގައުމުތަކާއި ރާއްޖެއާ ޖައްސާ، ވެރިކަމުގެ މިސްރާބު ބަދަލު ކޮށްލެވޭތޯ އިދިކޮޅު ފަރާތްތަކުން ޖަހަމުންދާ މަރު ފައްޔެއް ކަމަށް، ވެރިކަން ކުރާ ޕާޓީގެ ފިކުރުގެ އަހުލުވެރިން ސިފަކުރެއެވެ.