ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިހުމާލުން މާބަނޑު އަންހެނެއްގެ ބަނޑަށް ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ އެއް ބަލަން ފަށައިފިއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެ އަންހެން މީހާ ލޭ މަނާ ނުވެގެން އެރޭ ދަންވަރު 2:00 ހާކަންހާއިރު ހޮސްޕިޓަލަށް ގެންދިޔައީ އެމަޖެންސީގައި ކަމަށާއި ޑޮކްޓަރުން ހާޒިރުވާން ވަރަށް ގިނަ ވަގުތު ނެގި ކަމަށް ވެއެވެ. އަދި ޑޮކްޓަރުން ހާޒިރުވިއިރު، ބަނޑަށް ކުއްޖާ މަރުވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބެފައެވެ.

އެކަމާ ގުޅިގެން ' ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެމައްސަލަ ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.

އެކަމާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި ބަނޑަށް މަރުވެފައިވާ ކުދިން އަދަދުގެ މައްސަލަތައް އިތުރުވުމާ ގުޅިގެން އެފަދަ މައްސަލަތައް ގާތުން ބަލަމުންދާ ކަމަށް ހެލްތް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.