ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކާ ދިވެހިންގެ ތެރެއިން މަދު ބަޔަކު ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިންގަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ހަނދާނުގެ ގޮތުގައި މިއަދު ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަސް އަންގައި ދެނީ، ރާއްޖެ ފަދަ، ކުދި ޖަޒީރާ ގައުމުތަކަށް، ސަލާމަތީ ގޮތުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ކަމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، މިއަދު އަންގައިދެނީ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ނުރައްކާތަކާ، މިފަދަ ގައުމުތަކުގެ ނާޒުކު ކަން ކަމަށެވެ. މިއީ އދ ގައި ވެސް ދިވެހިރާއްޖެއިން ފާހަގަ ކުރާ ކަމެއް ކަންވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

އދގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު (ވ) އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ބައްދަލުކުރައްވަނީ/ފޮޓޯ: ރައީސް އޮފީސް

މިފަދަ ނުރައްކާތަކާ ދެކޮޅަށް ގައުމު ބާރުވެރިކުރުމަށް މަސައްކަތްތައް ކުރިއަށް ދާނެ ކަމަށާ، 21 ވަނަ ގަރުނުގައި ކުރިމަތިލާން ޖެހޭ ނުރައްކާތަކާ ދެކޮޅަށް ތެދުވުމަށް، ބައިނަލްއަގުވާމީ މުޖުތަމައާ ބަދަހި ކުރަން ޖެހޭ ގުޅުންތަކުގައި އިންވެސްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން، ދިވެހި ހާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ގައުމު އެންމެ ފުރިހަމަ ގޮތުގައި ސަލާމަތް ކުރުމުގައި، އަވަށްޓެރި އިންޑިއާއިން "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި ހިންގި ވަރުގަދަ އޮޕަރޭޝަނަކީ މިފަދަ ދުވަހެއްގައި އެ ކަމެއްގެ މަތިން ހަނދާން ނެތިކޮށްލެވޭނެ ކަމެއް ނޫންކަން ހާރިޖީ ވަޒީރު ވަނީ ސާބިތު ކޮށްދެއްވާފައެވެ.

އެގޮތުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހަމަލާތަކާއެކު އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ފޯރުކޮށްދިން އެއްބާރުލުމާ އެހީތެރިކަން ފާހަގަ ކުރައްވަމުން، ޝާހިދު ވަނީ، ދިވެހިރާއްޖޭގެ ގާތް، އެކުވެރި، އިތުބާރު ކުރެވޭ އަވަށްޓެރިއެއްގެ ގޮތުގައި އިންޑިއާ އޮތް ކަން ފާހަގަ ކުރައްވާ، އެ ގައުމަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއިންވެސް ވަނީ، ދިވެހިން މިއަދު ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހުގެ ތަހުނިޔާ، ދިވެހި ބަހުން، ދިވެހިންނަށް ދަންނަވާފައެވެ.

ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖެ އަރާ، ހިންގި އުދުވާނީ ޖަރީމާގައި ދިވެހި 19 ދަރިއަކު ވަނީ ޝަހީދު ވެފައެވެ. ހާރިޖީ ވަޒީރު ޝާހިދު ވަނީ އެ ދުވަހު މަތިވެރި ޖިހާދު ކުރެއްވި ޝަހީދުންގެ ޒިކުރާ އާ ކުރައްވާ، ގައުމުގެ މިނިވަންކަމާ އިސްތިގުލާލީ ރައްކާތެރި ކަމުގެ ދިފާއަށް ހިދުމަތް ކުރެއްވި މަދަނީ އަދި އަސްކަރީ ދިވެހިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.