ރާއްޖޭގެ ކުޅިވަރު ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބައެއް އިސްލާހުތަކާ ދެކޮޅަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރާއްޖެ ގިނަ ކުޅިވަރުތަކެއް ސަސްޕެންޑް ކުރާނެތީ އެކަމާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބައެއް އިސްލާހުތަކަކީ އޮލިންޕިކް ކޮމެޓީގެ އޮލިންޕިކް ޗާޓަރުގެ 27.5 އަދި 27.6 ވަނަ މާއްދާއާ ހިލާފް އިސްލާހުތަކެއް ކަމަށެވެ.
އަދި އެފަދަ އިސްލާހުތަކެއް ގެނައުން ވެގެންދާނީ އޮލިންޕިކް މޫވްމަންޓުން ރާއްޖެ ސަސްޕެންޑް ވުން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ދުނިޔޭގެ ކުޅިވަރުގެ ތާރީހުގައި އެފަދަ މައްސަލަތަކުގެ ސަބަބުން އެތަށް ގައުމެއް ސަސްޕެންޑް ވެފައިވާކަން ފެންނަން އޮތްއިރު އެކަހަލަ ކަމެއްގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑްވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު އާއިލާއާއި ކުޅިވަރަށް ލޯބިކުރާ އެއްވެސް ރައްޔިތަކު އެދޭނެ ކަަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެސޯސިއޭޝަންތަކުން ނެރުނު ބަޔާން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ޓްވީޓް ކުރައްވާ ވަނީ ކުޅިވަރު ސިޔާސީ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ހަސަން ލަތީފްގެ އިސްލާހުތަކުގައި ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް އިޝާރާތް ކުރައްވާ އެފަދަ އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓަރު މަހްލޫފްވެސް ވިދާޅުވެފައިވާ ނަމަވެސް، އެ އިސްލާހުތަކަށް ތާއީދު ކުރައްވާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓިކްކޮށް ދެ ފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާ ކުޅިވަރާ ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއްވެސް ވަރަށް ބޭނުންތެރި ކަމަކަމަށް ވާއިރު ހަސަން ލަތީފްގެ ބިލުން އެކަންކަން ހާސިލްވާނެ ކަމަށެވެ.