އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް، މަޖިލިސް ތަޅުމަށް ހުށަހެޅުން އަންނަ ހޯމަ ދުވަހު އޮންނާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާއަށް ފިނޭންސް މިނިސްޓަރު ފޮނުއްވި ބަޖެޓް ލިބިފައިވާ ކަމަށެވެ. އެގޮތުން އަންނަ ހޯމަ ދުވަހު މަޖިލީހަށް ބަޖެޓު ހުށަހެޅިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ބަޖެޓް މަޖިލީހަށް ލިބުނު ނަމަވެސް މެމްބަރުންނަށް ބަޖެޓް ދެވެން އޮންނަނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފިނޭންސް މިނިސްޓަރު މަޖިލީހުގެ ތަޅުމަށް ބަޖެޓް ހުށަހެޅުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބަޖެޓު ހުށަހެޅުއްވުމާއެކު މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށްފަހު މިމަހުގެ 16ވަނަ ދުވަހު ބެޖެޓް ބަހުސް މަރުހަލާ ފަށްޓަވާނެ ކަމަށެވެ. އަދި ކޮންމެ މެންބަރަކަށް ބަހުސްގައި ވާހަކަ ދައްކަވަން 15 މިނެޓްގެ ފުރުސަތެއް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބަޖެޓްގެ ބަހުސް މަރުހަލާ ނިންމުމަށްފަހު އަންނަ މަހުގެ ކުރީކޮޅު ބަޖެޓް މަޖިލީހުން ފާސްކުރުމަށް މަަސައްކަތް ކުރައްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހަށް ހުށައަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރަށް ލަފާކޮށް ފާސް ކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލަފާ ކުރި ވަރަށް އާމްދަނީ ލިބިފައި ނުވެއެވެ. މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ ދަށްވެ، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ބޮޑުތަނުން ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއާއެކު 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓު ޑެސިޓް ބޮޑުވާނެ ކަމަށް މިހާރު ލަފާކުރެވޭތީ ޑެފިސިޓް ފޫބެއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުވަމުން ދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުންނާއި، އެހެން ގައުމުތަކުންނާއި ސަރުކާރުތަކުން އެހީ ފޯރުކޮށްދީފައި ވާ ކަމަށެވެ.