މަދަނީ މައްސަލަތަކުގައި ބޮޑު ޖޫރިމަނާއެއް ނަގަން ހުކުމް ކުރުމަކީ ނާޖާއިޒް ފައިދާ ހޯދައިދޭން ހުޅުވާލެވޭ ދޮރެއް ކަމަށް ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ، އިމާރާތެއްގެ އިންޓީރިއާ މަސައްކަތަކަށް ވާ 150،732 ރުފިޔާ ނުދެއްކުމުން، އެ ފައިސާ ނުދައްކާ ފާއިތުވި ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި 889،318 ރުފިޔާ ދައްކަން ޖެހުމުން ފައިސާ ދައްކަން ޖެހުނު ކުންފުނިން އެމައްސަލަ އިސްތިއުނާފު ކުރުމުން ކުރި ހުކުމުގައެވެ.

އެމައްސަލާގައި މިދިޔަ ބުދަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ޖޫރިމަނާގެ މިންވަރު އެކަށީގެން ނުވާ މިންވަރަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލަތަކެއްގައި ވެސް ބަޔާންކުރާ ކަމަށެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ފައިސާ ނަގައިދިނުމަކީ ނާޖާއިޒު ފައިދާ ނަގައިދިނުމަށް ހުޅުވޭ ދޮރެއް ކަމުގައިވެސް ހުކުމުގައިވެއެވެ.

އޭގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގައިދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ހުކުމުގައި ވެއެވެ.

އެ މައްސަލައިގައި ވެސް ދައްކަން އެދިފައިވާ އަދަދަކީ އަސްލު ދައްކަން ޖެހޭ ފައިސާއަށް ވުރެ އިންތިހާއަށް ބޮޑު އަދަދެއް ކަމަށާ އެފަދަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ހާލަތުގައި ކޯޓުތަކުން އެ އަދަދު ކުޑަ ކުރަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެއެވެ.