ގްރީސްއާއި ތުރުކީވިލާތް ހިމެނޭ ސަރަހައްދަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، 70 އަހަރުގެ ފިރިހެނަކު ސަލާމަތް ކޮށްފިއެވެ.

ތުރުކީވިލާޔުގެ އެއިޖިއާން އައްސޭރިފަށުގެ ސަރަހައްދުން އަދި ގްރީސްގެ ސަމޯސްއޭ ކިއުނު ރަށުގެ އުތުރަށް އައި ބާރުގަދަ ބިންހެލުމާ، އެ ބިންހެލުމާ ވިދިގެން އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 50 އަށް ވުރެ މައްޗަށް އަރާފައެވެ. ޒަހަމްވީ މީހުންގެ އަދަދު ވަނީ 890 އަށް ވުރެ މައްޗަށް އަރާފައެވެ.

ގްރީސްގެ ސާމޯސް އައިލަންޑްއިން 2 މީހަކު މަރުވިއިރު، 19 މީހަކު ޒަހަމްވި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އުމުރުން 70 އަހަރުގެ އަހުމަދު ސިތިމް ސަލާމަތް ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އިމާރާތްތަކުގެ ދަށުން އޭނާ ނެގުމަށްފަހު ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ތުރުކިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު، ފަހްރުއްދީން ކޯޖާ ކުރެއްވި ޓްވީޓް އެއްގައި ވިދާޅުވީ ފަހަރެއްގައި އުއްމީދު ނަގާލައްވަފައި ނުވާނެ ކަމަށެވެ.

ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: ރޮއިޓާޒް

ހުކުރު ދުވަހުގެ ހާދިސާގައި ޒަހަމްވީ މީހުންގެ ތެރެއިން 682 މީހަކަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލަފައި ވާއިރު، 214 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ރެކްޓާ މިންގަނޑުން 7.0 ގެ ބާރު މިނުގައި އައި ބިންހެލުމަށްފަހު 850 ފަހަރެއްގެ މަތިން އެކި ވަރުގެ ލޮޅުންތައް އަރާފައި ވާ ކަމަށް ހަބަރު ލިބެއެވެ. ތުރުކީވިލާތުގެ ކުއްލި ނުރައްކާތަކާއި ކާރިސާތަކާ ބެހޭ އިދާރާ (އާފާޑް) އިން ބުނާ ގޮތުގައި، 40 ލޮޅުމެއްގެ ބާރުމިން ރެކޯޑް ކޮށްފައި ވަނީ، ރެކްޓާ މިންގަނޑުން 4.0 އަށް ވުރެ ބާރު މިނުގައެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ހޮނިހިރު ދުވަހުވެސް، މަންމައަކާ އޭނާގެ 3 ދަރިން، އިމާރާތްތަކުގެ ދަށުން ވަނީ ސަލާމަތް ކޮށްފައެވެ. މީގެ ތެރެއިން އެއް ކުއްޖެއްގެ ފުރާނަ ގެއްލިފައި ވާ ކަން ކޯޖާ ވަނީ ހާމަ ކުރައްވާފައެވެ.