ތުރުކީވިލާތުގެ ރައީސް، ރަޖަބު ތޮއްޔިބު އުރުދުގާންގެ އަރިހުގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލުންތަކެއް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

އުރުދުގާންގެ އަރިސް އޮފިޝަލުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ބޭފުޅުންގެ ތެރޭގައި ތަރުޖަމާނު އިބްރާހީމް ކާލިންއާއި ދާހިލީ ވަޒީރު ސުލައިމާން ސޮއިލޫ ހިމެނިވަޑައިގަންނަވައެވެ.

ތަރުޖަމާނު ކާލިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އިއުލާން ކުރައްވަމުން ވިދާޅުވީ އޭނާގެ ހަށިގަނޑުން މިހާރު ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަ ކޮށް ކަމާށާ، މިހާރު ޝިފާ، ލިބި ރަނގަޅުވާ އަތަށް އަޅާފައިވާކަމަށެވެ. ކާލިން މިކަން އިއުލާން ކުރެއްވުމުގެ ގަޑިއިރުތަކެއް ކުރިން، ދާހިލީ ވަޒީރު ވަނީ އޭނާއާއި އޭނާގެ އާއިލާ ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަ ކުރައްވާފައެވެ.

މި 2 ބޭފުޅުންނަކީވެސް ގަވައިދުން އުރުދުގާންއާ ބައްދަލުކުރައްވާ 2 އޮފިޝަލުންނެވެ.

ކޮވިޑް-19 ޖެހިގެން ތުރުކީވިލާތުން ހޮނިހިރު ދުވަހު 75 މީހުން މަރުވިއިރު، އިތުރު 2213 ކޭސް ވަނީ ފެނިފައެވެ. މިއާއެކު މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 10252 އަށް އަރާއިރު، ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 375367 އަށް އަރާފައެވެ.