މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 259 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ތިންވަނަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި 259 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކަށް 291 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައެވެ. އަދި ދެވަނަ ކުއާޓާގައި 106 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކަށް އާމްދަނީގެ ގޮތުގައި 646 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ލިބުނީ 224.4 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާ އަޅާބަލާއިރު 15 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނީ 639 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

ފުރަތަމަ ކުއާޓަރުގައި 685 މިލިއަން ލިބިފައިވާއިރު ދެވަނަ ކުއާޓަރުގައި ބޭންކަށް ލިބިފައިވަނީ 551 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި ބީއެމްއެލްއަށް ތިން ކުއާޓަރުގައި ލިބުނު 646 މިލިއަން ރުފިޔާ އާއެކު ޖުމުލަ އާމްދަނީ ވަނީ 1.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި ކުއާޓާގެ ނަތީޖާ އާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމްސޯޔާ ވިދާޅުވީ ތިން ވަނަ ކުއާޓާގައި ރަނގަޅު ނަތީޖާއެއް ހޯދިފައިވީ ނަމަވެސް މި އަހަރުގެ ބާކީބައިގައި ޕްރޮވިޝަން ޗާޖް ބޮޑުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ކުއާޓާ ވެސް ވެގެން ދާނީ ދަތި އުނދަގޫ ކުއާޓާއަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ބޭންކުން މުޖުތަމައަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިހާރު ހުރި ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމުގެ ގޮތުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ޓިމް ސޯޔާ ވަނީ ވިދާޅުވެފައެވެ.