ދިހަ މީހުންނަށްވުރެ ގިނަ މީހުން ހޯމް ކަރަންޓީނަށް ރަށަކަށް ދާނަމަ، ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ފުރަބަންދު ކަރަންޓީންވުމުގައި އަމަލުކުރަންޖެހޭ އުސޫލު އެޗްޕީއޭއިން އާންމުކޮށްފައިވާއިރު އެ އުސޫލުގައި ވާގޮތުން ކޮވިޑް-19 ގެ ސްޕްރެޑް އޮތް ތަނަކުން ސްޕްރެޑް ނެތް ތަނަކަށް 10 މީހުންނަށްވުރެ ގިނަ އަދަދެއްގެ މީހުން ދާނަމަ ނުވަތަ ރާއްޖޭން ބޭރުންވެސް ބިދޭސީ މަސައްކަތްތެރިން ރަަށަކަށް ދާނަމަ، ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.

އެގޮތަށް ދާނަމަ ނެގެޓިވް ޕީސީއާރް ނަތީޖާ އޮންނަންވާނެ ކަމަށާއ ހުން އައުން، ކެއްސުން ފަދަ ކޯވިޑް-19ގެ އަލާމާމްތައް ހުރި ފަރާތެއް ނަމަ، ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިޔަސް، ދަތުރުނުކޮށް މަޑުކުރަން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ. އަދި ދަތުރު ކުރަންވާނީ އަލާމާތްތައް އެއްކޮށް ރަނގަޅުވުމަށްފަހު މަދުވެގެން 48 ގަޑިއިރު ވުމަށްފަހުގައި ކަމަށް ވެސް އުސޫލުގައި ބުނެއެވެ.

ރާއްޖޭން ބޭރުން އަންނަ ބައެއް ނަމަ އެންމެ އެދެވިގެންވަނީ މާލެ ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ތަނެއްގައި މަޑުނުކޮށް ވީހާވެސް އަވަހަށް ކަރަންޓީންވާ ރަށަށް ދިއުން ކަމަށާ ނަމަވެސް މާލޭގައި ތިބޭނަމަވެސް ތިބެން ޖެހޭނީ ކަރަންޓީންގައި ކަމަށް އުސޫލުގައިވެއެވެ.

އޭގެ އިތުރުން ގިނަ މީހުން އެއްކޮށް ކަރަންޓީނުވެފައި ތިބުމުން އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާ އެހެންކަމުން ކަރަންޓީނުވެ ތިބޭއިރު ވީހާވެސް މަދު މީހުން އެއްތަނެއްގައި ތިބޭ ގޮތަށް އެކަމޮޑޭޝަން ހަމަޖައްސުމަށް ސަމާލުކަންދޭން ޖެހޭ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

އުސޫލުގައި އިތުރަށް ބުނީ ކަރަންޓީންވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ރަށަށް ދިއުމަށްފަހު ކަރަންޓީންވުމުގެ އުސޫލާއި އެއްގޮތަށް 14 ދުވަސް ހޭދަކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ހަދާ ޓެސްޓުން ގްރޫޕްގައި ހިމެނޭ އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެނަމަ އޭނާއާއެކު އުޅުނު އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.