"ހިޔާ މަޝްރޫއު" ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ "ހިޔާ މަޝްރޫއު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅާ ވެރިފައި ކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި H7 ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ 509 ފަރާތެއް ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ އެ ފަރާތްތަކަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން ނޮވެންބަރު 5 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިންމި ލިންކުގައިވާ ފޯމު ފުރިހަމަކުރުމަށް އެ ކޮމެޓީން އެދިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓްގެ H7 ކެޓަގަރީ އަކީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓަގަރީއެވެ.