ރަށު ފަރުތުވެރިކަމާ ގުޅޭ އައިލެންޑްސް ޑޮޓް އެމްވީ މިނިސްޓާ އޮފް ޓޫރިޒަމް އާ ހަވާލުކޮށްފިއެވެ.

މި ޕޯޓަލް މިނިސްޓަރީ އާ ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. މި ޕޯޓަލަކީ، ކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީން ގުޅިގެން ތައްޔާރުކުރި ޕޯޓަލެކެވެ. އައިލެންޑްސް ޑޮޓް އެމްވީ ތައްޔާރު ކުރުމުގެ މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

މި ޕޯޓަލާ ބެހޭގޮތުން މިނިސްޓަރު މަލީހު ވިދާޅުވީ ގިނަ ރަށްރަށުގެ މައުލޫމާތު ހިމެނޭ، ރަށު ފްރޮންޓް އޮފީހަށް އެހީތެރިވެދޭ، އަދި ރަށް ޕްރޮމޯޓް ކުރުމުގައި ބޭނުން ކުރެވޭ ވަރަށް ރަނގަޅު ޕޯޓަލަކަށް މި ޕޯޓަލް ވެގެން ދާނެ ކަމަށެވެ. އަދި ކޮވިޑް-19ގެ މި ހާލަތުން ރާއްޖެ އަރައިގަތުމަށްޓަކައި، ހާއްސަ ގޮތެއްގައި ގެސްޓްހައުސް ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓް ކުރުމަށްޓަކައި މި ޕޯޓަލް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ ބޭނުންވާ މައުލޫމާތު ރަށްރަށުގެ ގެސްޓްހައުސް، ރެސްޓޯރަންޓް އަދި އެފަދަ ޓޫރިޒަމް އާ ގުޅޭ ދާއިރާތަކުގެ ތަންތަނުން ހޯދުމެވެ. އަދި ރާއްޖެއިން ބޭރުގައި ބައިވެރިވާ އެކިއެކި ފެއާތަކުގައި އައިލެންޑްސް ޑޮޓް އެމްވީ ޕްރޮމޯޓް ކުރެވި ރާއްޖޭގެ ގެސްޓްހައުސްތަކާއި، އަތޮޅުތަކުގައި ހުރި ރެސްޓޯރަންޓުތައް އަދި ޓޫރިޒަމް އާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް މި ޕޯޓަލްގެ އެހީގައި ބޮޑު މަންފާއެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕޯޓަލް އާ ބެހޭގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މި ވެބްސައިޓުން އެންމެ ފުރިހަމަ ގޮތުގައި މުޅި ރާއްޖެއަށް ފައިދާ ލިބޭނެ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު މިއަދު ތަނަސް ވެގެންދާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ހުޅުވިފައި ހުރި ގެސްޓްހައުސް ތަކުގެ މައުލޫމާތު މި ޕޯޓަލްގައި ހިމެނިފައިވާ ކަމަށާއި، މުސްތަގުބަލުގައި މި ވެބްސައިޓް ވެގެން ދާނީ ރާއްޖޭގެ ވާހަކަ ކިޔައިދޭ ސައިޓަކަށް ކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށަކީ ތަފާތު ދިރިއުޅުމެއް އުޅޭ ރަށަކަށްވެފައި، ފަތުރުވެރިން ގަޔާވާ ކަހަލަ ކަންތައްތައް ކޮންމެ ރަށަކުން ލިބެން ހުރި ކަމާއި، މި ވެބްސައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް މި މައުލޫމާތު ފޯރުކޮށްދެވި، ކޮންމެ ރަށަކީ ބްރޭންޑަކަށް ހެދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. ހަމައެއާއެކު މިއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ޕޯޓަލެއް ކަމަށާއި، މި ކަންތައް ކާމިޔާބު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ކައުންސިލްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ޖެހޭ ކަމަށް މިނިސްޓަރު މަައުސޫމް ފާހަގަ ކުރެއްވިއެވެ.