މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތައް ފެންބޮޑުވެ، އެމްއެންޑީއެފުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު މާލެ ސިޓީ އަށް ބޯކޮށް ވާރޭ ވެހި އައިޖީއެމްއެޗާއި އެސްޓީއޯ ފުއް ގުދަނާއި މާގިރި ހޮޓަލް އަދި މ. ސްޓޭޑިއަމް ކައިރި ފެންބޮޑުވުމާ ގުޅިގެން އެސަރަހައްދު ތަކުގައި ޕަމްޕު ބަހައްޓައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރަމުންދާއިރު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ބ އަތޮޅުން ތ އަތޮޅާ ދެމެދަށް މިއަދު ވައިޓް އެލާޓް ވެސް ނެރެފައެވެ.
މެއުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.