ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި ވަޒީފާ އުނިކޮށްފައި ވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 116 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ދުނިޔޭގައި ފެތުރެން ފެށި ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިކަމުން ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސްޕޯޓް" ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 116 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް ފައިސާ ދޫކޮށްފައި ވަނީ 10,538 މީހުންނަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަައެވެ.

އެ އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ތެރެއިންނެވެ. ސަރުކާރުން ދޭ އިންކަމް ސަޕޯޓަށް އެހީވާން ވޯލްޑް ބޭންކުން ވަނީ 12.8 މިލިއަން ޑޮލަރުވެސް ދޭން ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އެ އެލަވަންސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކުރަން ފަށާފައި ވަނީ މޭ މަހުގެ 20 ވަނަ ދުވަހެވެ. އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންލުން ވުމާއެކު ގިނަ އަދަދައްގެ ބައެއްގެ ވަޒީފާ އަށް އަސަރުކޮށްފައި ވަނީ ޓޫރިޒަމް ސިނާއަތުގަ މަސައްކަތް ކުރާ ފަރާތްތަކަށެވެ.