ދެ ރަށެއްގެ ފެނާއި ނަރުދަމާގެ ނުނިމި ހުރި މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ހަވާލު ވެއްޖެއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ބުނީ ޅ. ނައިފަރުގެ ފެނާއި ނަރުދަމާ އާއި ތ. ވޭމަންޑޫގެ ނަރުދަމާގެ ނުނިމިހުރި މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިއަދު ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ ހަސަން ޝާހުއެވެ.

އެ މަޝްރޫތަކަށް ފަންޑު ކުރުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަލަން ޑިވެލޮޕްމަންޓް (އޯޕެކް) ފޭސް 2 ލޯނުގެ އެހީންނާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން އޯޕެކް އިން 79 ޕަސެންޓު ހަރަދު ކުރާއިރު ސަރުކާރުން އެ މަޝްރޫއަށް ހަރަދު ކުރަނީ 21 ޕަސެންޓެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައި ވަނީ 5 މަސް ދުވަސް ތެރޭގައެވެ. އެގޮތުން އެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތަށް ޖުމްލަ 13،136،034.10 ރުފިޔާ ހަރަދު ވެއެވެ. އަދި ނަރުދަމާގެ މަސައްކަތަށް 24،266،061.64 ރުފިޔާ ހަރަދު ވެއެވެ.

ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތަށް ޖުމްލަ 17،153،276.10 ރުފިޔާ ހަރަދު ވެއެވެ.

އެ ދެ މަޝްރޫގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތް ތަކަކީ މިހާރު ނުނިމި ހުރި ހުރިހާ މަސައްކަތެއް ނިންމުމާއި ސައިޓުގައި މަރާމާތު ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މަރާމާތު ކުރުމެވެ. އޭގެ ތެރޭގައި ފެން ހޮޅި ވަޅުނުލާހުރި ތަންތަނުގައި ފެންހޮޅި ވަޅުލުމާއި އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމާއި ސްޓޯރޭޖް ޓޭންކް މަރާމާތު ކުރުން ހިމެނެއެވެ. ގޭގެއަށް ފެން ގުޅައިދިނުމައި އައުޓްފޯލް އެޅުން ހިމެނެއެވެ. މީގެ އިތުރުން އެޑްމިން އަދި އާރްއޯ ބިލްޑިންގް މަރާމާތު ކުރުމާއި ފެން ޓެސްޓް ކުރާނެ ވަސީލަތްތަކާއެކު ލެބޯޓްރީއެއް ހެދުން ހިމެނޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.