ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން މިއަދު އއ. ތޮއްޑޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ އއ. އަތޮޅަށް ބަލާއިރު ތޮއްޑޫގެ އިތުރުން ބޭންކުން ރަސްދޫގައި އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައެވެ. ބޭންކުން މިހާރު ރަށްރަށުގައި ބަހައްޓަމުންދަނީ ފައިސާ ޖަމާކުރުމުގެ ހިދުމަތްވެސް އެކުލެވޭ ގޮތަށް އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ، ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމްތަކެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62ސެލްފް ސާވިސް ބޭންކިން ސެންޓާ، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.