ފަލަސްތީނުގެ "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ހަމާސް ޖަމާއަތަށް ފަންޑުކުރުމުގެ ފަހަތުގައި އޮތް އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ގަތަރާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި މައްސަލައެއް ފައިލްކޮށްފިއެވެ.

ނިއުޔޯކް ސިޓީގެ ކޯޓަކަށް، ގަތަރާ ދެކޮޅަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ގަތަރުގެ މާލީ މުއައްސަސާ ތަކުން، ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ފަންޑު ދެމުންދާ ކަމަށާ، އެ ފަންޑު ފޯރުކޮށް ދެމުން ދަނީ ހިލޭ އެހީގެ އެގޮތުގައި ކަމަށެވެ. މި ފަންޑު އަންނަ މާލީ މުއައްސަސާތަކުގެ ތެރޭގައި، އަމީރު ތަމީމު ބިން ހަމަދު އަލް ސާނީގެ ބޮޑު ކޮންޓްރޯލެއް އޮންނަ މުއައްސަސާ ތަކެއް ވެސް ހިމެނޭ ކަމަށް މި ދައުވާގައި ބުނެފައި ވެއެވެ.

ޣައިރު ގަނޫނީ ގޮތެއްގައި ފަލަސްތީނުގެ ގުރޫޕު ތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް، މި މުއައްސަސާ ތަކުން ބޭނުން ކޮށްފައި ވަނީ އެމެރިކާގެ ބޭންކިންގް ނިޒާމު ކަމަށްވެސް މި ދައުވާގައި ބަޔާން ކޮށްފައި ވެއެވެ.

ކަން މިހެން އޮތް އިރު، ހަމާސް ޖަމާއަތުން ތުރުކީވިލާތުގައި ސިއްރު ފެސިލިޓީ އެއް އޮޕަރޭޓް ކުރަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ދުވަހު ނޫހަކުން ރިޕޯޓް ކޮށްފައި ވާ ކަމަށް، ސައުދީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ޓައިމްސް އޮފް ލަންޑަންއާ ހަވާލާދީ، ސައުދީ ގެޒެޓުން ބުނާ ގޮތުގައި ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސްގެ ލީޑަރުންގެ ބެލެހެއްޓުމުގެ ދަށުން، ތުރުކީވިލާތުގައި މަރުކަޒު ކޮށްފައިވާ ފެސިލިޓީގެ ކަންކަން ހިނގަމުން އަންނަތާ މިހާރު 2 އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

މި ފެސިލިޓީއަކީ ސިޓީގައި ހިންގާ ހަމާސްގެ ރަސްމީ އިދާރާތަކާ ވަކި ހެޑްކުއާޓަރެއް ކަމަށާ، މި މަރުކަޒު ގާއިމު ކޮށްފައި ވަނީ، ތުރުކީވިލާތުގެ ކަމާ ބެހޭ ފަރާތްތަކަށް ނޭނގި ކަމަށްވެސް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.