މާލޭ މަގުމަތީގައި ހުރި ހަލާކުވެފައިވާ ޕެލެޓްތައް ނަގަން އަންގައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މާލެ ސިޓީ ކައުންސިލުން ވަނީ، މާލެ މަގުމަތީގައި ހިނގާ ބިގާ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައިވާ ޕެލެޓްތަކާ މީހުންނަށް އަނިޔާވާ ގޮތަށް ހުރި ހަލާކުވެފައިވާ ޕެލެޓާ އެހެނިހެން ތަކެތި އަންނަ ބުދަ ދުވަހުގެ ކުރިން ނަގައި ތަން ސާފު ކުރުމަށް އެދިފައެވެ.
އަދި އެތާރިހުގެ ފަހުން ވެރިފަރާތުން ނުގެންގޮސް އެއްވެސް ޕެލެޓެއް ނުވަތަ މުދަލެއް ހުރެއްޖެނަމަ ކުނީގެ ގޮތުގައި އެފަދަ ތަކެތި ނަގައި ނައްތާލެވޭނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ތަކެތި ނެގުމުގެ ތެރޭގާއާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާ އުނި އިތުރަށް އެއިދާރާއިން ޒިންމާ ނުވާނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
މާލޭ މަގުތަކުގައި ޕެލެޓުތައް ބަހައްޓާފައި ހުންނަ ގޮތުން ގިނަ ބަޔަކަށް އުނދަގޫވެގެން ޝަކުވާ ކުރުމުގެ ސަބަބުން މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ ހަލާކުވެފައި ހުރި ބައެއް ޕެލެޓު ތަކާ މީހުނަށް އުނދަގޫ ވާނޭހެން ބަހައްޓާފައިވާ ޕެލެޓުތައް ނަގާފައެވެ.