މިއަދު ހަވީރު ކުރި މުޒާހަރާގައި 5 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުން ކުރިއަށް ގެންދިޔަ ބަޔަކަށް ފުލުހުން ނަސޭހަތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތުން ވަނީ އެއްވުން ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެގޮތުން އެ އެއްވުމުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައާ ގުޅިގެން މިއަދު ހަވީރު 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކޮށްފައިވާ 5 މީހުންނަކީ 2 ދިވެހި ފިރިހެނުންނާއި 3 ދިވެހި އަންހެނުން ކަމަށް ފުލުހުން ބުނެއެވެ.

މި މުޒާހަރާއަކީ ޖިންސީ ގޯނާ އަދި ފުރައްސާރައާ ދެކޮޅަށް އަޑުއުފުލުމަށް ވޮއިސް އޮފް ޗިލްޑްރަންގެ ނަމުގައި ހިންގާ ގްރޫޕަކުން މިއަދު ހަވީރު 4:00 ގައި ބޭއްވި މުޒާހަރާއެވެ. މި މުޒާހަރަާ ފައްޓާފައިވަނީ މަޖީދީ މަގުގައި ހުންނަ ހުސްނޫގޭ ކުރިމަތިންނެވެ. އަދި މި މުޒާހަރާގެ ބައިވެރިން މާސްކް ބޭނުން ކުރުމަށާ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެ ގްރޫޕުން އެދިފައި ވެއެވެ.

ކޮވިޑް ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަދި ހާއްސަކޮށް އެއްވުންތަކުގައި ބައިވެރިވާ މީހުންނާ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނާ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ރައްކާތެރިކަމަށް ބެލުމަށް އެޗްޕީއޭއިން އަންގާފައިވާ ފަދައިން މާސްކް އެޅުމަށާ ގައިދުރުކަން ދެމެހެއްޓުމަށް ފުލުހުން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.

އަދި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ހިންގާ މިފަދަ އަމަލުތަކުގައި މީހުން ހައްޔަރުކޮށް ނަސޭހަތްދީ އަދި ބައެއް ފަރާތްތައް އަންނަނީ ޖޫރިމަނާވެސް ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގައި ގިނަ އަދަދަކަށް މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. އެގޮތުން، އެޗްޕީއޭއިން ވެހިކަލް ދުއްވަން މަނާ ވަގުތުތަކެއް ކަނޑައަޅާ އެވަގުތުތަކުގައި ވެހިކަލް ދުއްވާ ފަރާތްތައް ޖޫރިމަނާ ކުރުމަށް އެންގުމުން އެކަމާ ދެކޮޅަށް ސައިކަލި ބުރެއް ބާއްވާ ގިނަ ބަޔަކު ވަނީ މުޒާހަރާ ކޮށްފައެވެ. ހަމައެއާއެކު ޖިންސީ އަނިޔާއާއި ރޭޕާ ދެކޮޅަށް ވޮއިސް އޮފް ޗިލްޑްރަން (ވީއޯސީ) އިން އިސްނަގައިން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ އިތުރުން، "ޖާގައެއް ނެތް" ނަމުގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ވެލާނާގެ ކުރިމަތީ ވެސް ވަނީ މުޒާހަރާކޮށްފައެވެ.